ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނަށް ޚާއްސަކޮށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުން ޤަރާރު ފާސްކުރުމާ ގުޅޭ ނޫސް ބަޔާން

ރައީސް ޢަބްދުﷲ ޔާމިން ދިވެހިރާއްޖޭގައި ހިންގަވަމުންގެންދަވާ އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ކުށްވެރިކޮށް، އެމަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ވާގިވެރިންނާއި، ވިޔަފާރިވެރި ފަރާތްތަކުގެ މައްޗަށް ޚާއްސަކޮށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލާ ވިލާތުގެ އިއްތިޙާދުން ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ ޤަރާރާ ގުޅިގެން ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށް ލިބިދާނެ އެއްވެސް ގެއްލުމަކުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ދިވެހި ސަރުކާރަށައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިންހަރު އަޑުން ގޮވާލަމެވެ.

ނުހަނު ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަނިޔާވެރި ވެރިކަމުގެ މައްޗަށް ފާޑުކިޔާ ހުށަހެޅުނު މިޤަރާރު ފާސްކޮށްފައިވަނީ 563 ވޯޓުގެ ބޮޑު ތާޢީދަކުންނެވެ. މިޤަރާރާ ދެކޮޅަށް 31 ވޯޓުދެއްވިއިރު / މިޤަރާރާ ދެކޮޅަށް މެންބަރަކު ވޯޓުދެއްވާފައިވެއެވެ. އަދި ވޯޓުގައި 32 މެމްބަރަކު ބައިވެރިނުވެއެވެ.

ޤަރާރުގައި ދިވެހި ސަރުކާރުގެ މައްޗަށް ވިލާތުގެ އިއްތިޙާދުގެ 28 މެންބަރު ޤައުމުން ގޮވައިލާފައިވަނީ: “ބޭރު ޤައުމުތަކުގައި ހުރި ދިވެހި ސަރުކާރުގެ ވަކި ވަކި މެންބަރުންނާއި، ދިވެހި ވިޔަފާރިވެރިންކުރެން ސަރުކާރަށް ވާގިވެރިވާ އިސް ފަރާތްތަކުގެ މުދަލާއި، ފައިސާ ހިފެހެއްޓުމަށާއި، އެބައިމީހުންނަށް ދަތުރުފަތުރުކޮށް އުޅުން ދަތިކުޅައުން”

“ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ޤަސްތުކޮށް، ރާވަމުންދާ ފަތުރުވެރިންނަށް އެޤައުމުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، ރެކޯޑުގެ ވާހަކައިން ފުރިހަމައަށް ޚަބަރުކުރުމަށް ވިލާތުގެ ކޮމިޝަނާއި، މެންބަރު ޤައުމުތަކަށް ގޮވައިލުމަށް”ވެސް މިޤަރާރުގައި ބުނެފައިވެއެވެ.

“ދިވެހިރާއްޖޭގައި ޑެމޮކްރެޓިކް ހަމަތައް މަޑުމަޑުން ބަލިކަށިވެ ނެތެމުންދިޔުމާއި، ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޚުދުމުޚުތާރު ސިފަތައް އިތުރުވެ އެކަމުގެ ސަބަބުން ބިރުވެރިކަމާއި، ނަމާންކަމުގެ މާޙައުލެއް އުފެދި، ވޭތިވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކާއި، ޑެމޮކްރަސީއާއި، ޤާނޫނުގެ ވެރިކަމުގެ ދާއިރާގައި ހޯދިފައިހުރި ކުރިއެރުންތައް އަނދަވަޅަކަށް ވެއްޓިދާ”ކަމުގެ މައްޗަށްވެސް އެޤަރާރުގައި ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުން ނުހަނު ކަންބޮޑުވުން ފައުޅުކޮށްފައިވެއެވެ.

ހަމަ އެނޭވާގައި ރައީސް މުޙަންމަދު ނަޝީދު ހިމެނިވަޑައިންނަވާގޮތަށް ރައީސް ޢަބްދުﷲ ޔާމިން ދިވެހިރާއްޖޭގެ ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރަމުންދާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރުމާއެކު، “ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ޝަރީޢަތުގައި ހުރި ސީރިއަސް ނަހަމަކަމުގެ މައްޗަށް އިންތިހާއަށް ހިތްހަމަނުޖެހުން” ފައުޅުކޮށް، ރައީސް މުޙަންމަދު ނަޝީދާއި، ސިޔާސީ ހައްޔަރީން ޝަރުތަކާނުލާ ވަގުތުން ދޫކޮށްލުމަށް ގޮވައިލާފައިވެއެވެ.

މީގެއިތުރުން “އިންސާނީ ޙައްޤުތައް ހުއްޓުމެއްނެތި ހަނިކުރެވެމުންދާ ދިއުމާއި، ވެރިކަން ހިންގުމުގެ ބާރުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ދިއުމާއި، މިއެންމެހައި ކަމެއްމެ ގޯހުން ގޯހަށްދާތީ، އެކަމާމެދު ކަންބޮޑުން ފައުޅުކުރާ ހިނދު، ކުޑަކުދިންގެ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ހިމެނޭގޮތުން ޢާންމުކޮށް އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބަސްވެފައިހުރި ކަންކަން ދިވެހި ޖުމްހޫރިއްޔާއަށް ހަނދާންކޮށްދޭ”ކަމަށްވެސް މިޤަރާރުގައި ވެއެވެ.

މިޤަރާރުގައި ދިވެހި ޤައުމުގެ ކުރިމަގާމެދު “އިޚްލާސްތެރި މަޝްވަރާތަކެއް ހުރިހާ ސިޔާސީ ޕާޓީއެއްގެ މެދުގައި ފެށުމަށްވެސް ގޮވައިލާފައިވެއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުން މިޤަރާރު ފާސްކޮށްފައި މިވަނީ، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި އިސްކޮށް ތިބި ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އޮފިޝަލުންނަށް ޚާއްސަކޮށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުން ގޮވައިލައްވާފައިވަނިކޮށެވެ. އިނގިރޭސި ސަރުކާރުން އެބާވަތުގެ ފިޔަވަޅެއް އަޅާނަމަ، އެފިޔަވަޅުތައް އަމާޒުކުރާންވީ ފަރާތްތައްކަމަށް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް ޤަބޫލުކުރެވޭ ފަރާތްތަކުގެ ލިސްޓެއް ވޭތިވެދިޔަ ނޮވެންބަރު މަހުގެ ތެރޭގައި އެ ޓީމުންވަނީ އެކުލަވައިލައްވާފައެވެ.

މިޤަރާރާމެދު އެމްޑީޕީގެ ތަރުޖަމާނު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ: “ޑެމޮކްރެޓިކް ހަމައާއި، އުސޫލުތަކަށް އަދި ޤާނޫނީ ވެރިކަމަށް އިޙްތިރާމެއްނެތި ޔާމިން ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެ މިދަނީ ދުނިޔޭގެ ސަފުގައި އެކަހެރިވެ ބާކީވަމުން”

“ރައީސުލްޖުމްހޫރިއްޔާގެ ބޮޑާފުޅުކަމާއި، ގޮތްދޫނުކުރެއްވުމުގެ ސަބަބުން އެމަނިކުފާނުގެ މިނިސްޓަރުންނާއި، އޮފިޝަލުން އެދަނީ އަނގަވަތަށް ވެއްޓޭނޔޫރަޕަށް ދަތުރުނުކުރެވުމާއި، ބިމާއި، ގޯތިގެދޮރާއި، ބޭންކް އެކައުންޓުއް ހިފެހެއްޓުމުގެ ޙަޤީޤީ ބިރުވެރިކަމެއް އެބައިމީހުންގެ މައްޗަށް އެހެރަދަނީ ފައުޅުވަމުން”

ވިލާތުގެ އިއްތިޙާދުން ފާސްކުޅަ ޤަރާރު ބައްލަވާލެއްވުމަށް މިލިންކަށް ފިއްތަވާލައްވާށެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 17 ޑިސެމްބަރ 2015