ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވުމުގެ ހިތާމާގައި ތަޢުޒިޔާދެންނެވުން

ދިވެހި ދައުލަތުގެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ލިބިވަޑައިގެންފައިވާ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެކަމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާކުރައްވަމުން ގެންދަވަނިކޮށް ތައިލޭންޑްގެ ބެންކޮކް ގައެވެ.

އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީ ވެވަޑައިގެންފައިވަނީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެ މިނިވަންކަމުގެ އެގްރީމެންޓު ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއްވެސް އަދާ ކުރެއްވައިވާ ދިވެހިރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި އެމަރުޙޫމުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކޮށްދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އާމީން!

28 ނޮވެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް