ރައީސް މުޙައްމަދު ނަޝީދު މިނިވަން ކުރުމަށް އިންޑިޔާގެ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ ގޮވާލުމަށް މަރުޙަބާ ކިޔުން

އިންޑިޔާގެ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ ލީޑަރު ސުބްރަމާނިޔަން ސްވާމީ ރައީސް މުޙައްމަދު ނަޝީދުގެ މިނިވަންކަމަށް އިންޑިޔާއިން މަސައްކަތްކުރުމަށް ޕްރައިމް މިނިސްޓަރ މޯޑީ އަރިހުގައި އެދިވޑައިގަތުމުން އެމްޑީޕީގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

ރައީސް މުޙާއްމަދު ނަޝީދު މިހާރުން މިހާރަށް ދޫކޮށްލުމަށް އދ. އިން ގޮވާލުމާއި އެކު ބި.ޖޭ.ޕީގެ ލީޑަރު ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހިނގައި ދިޔައީ ސިޔާސީ ކުލަވަރު ޖެހިގެން ކަމަށް ބެލެވޭ ކަމުގައެވެ. އަދި ޝަރީޢަތް ހިނގައި ދިޔައީ އެކަށީގެން ނުވާ ގޮތަކަށް ކަމަށާއި ނުފޫޒު ފޯރުވިގެން ކަމުގައެވެސް ސްވާމީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސްވާމީ ވިދާޅުވެފައިވަނީ “އިންޑިޔާއަކީ ސާރކްގެ އެންމެ ބޮޑު ޤައުމަށްވެ ޑިމޮކްރަޓިކް ޤައުމަކަށްވާތީވެ، ރައީސް ނަޝީދުގެ މައްޗަށް ކުރެވިފައިވާ ދެކޮޅުނުޖެހޭ 13 އަހަރުގެ ޙުކުމް ބާޠިލްކޮށް އެމަނިކުފާނު މިނިވަންކޮށް ސިޔާސީ މަސައްކަތް ކުރުން ކަށަވަރުކުރުމަށް އިންޑިޔާއިން މަސައްކަތް ކުރަންޖެހޭނެކަމަށެވެ.”

ރައީސް މުޙައްމަދު ނަޝީދު މިނިވަންކޮށް ދިވެހިރައްޔިތުންނަށް ޑިމޮކްރަސީ ހޯދައިދިނުމަށް އިންޑިޔާއިން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކަށް މި ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ޝުކުރު ދަންނަވަމެވެ.