ދައުލަތުގެ ބަޖެޓް މެދުވެރިކޮށް ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި، އެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓަކަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

30 ސެޕްޓެމްބަރ 2010

ދައުލަތުގެ ބަޖެޓް މެދުވެރިކޮށް ރާއްޖޭ ތަރައްޤީކުރުމަށްޓަކައި، އެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓަކަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނައިފަރު މަލްޓި ޕާރޕަސް ބިލްޑިންގުގައި ރޭ ބޭއްވުނު، ފާދިއްޕޮޅުގެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިހާރު ތައްޔާރުކުރެވެމުންދާ ބަޖެޓާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ބަޖެޓުގައި އެކުލެވިގެންވާންޖެހޭނީ، މިއަންނަ އަހަރު ސަރުކާރުން ހިންގުމަށް ގަސްތުކޮށްފައިވާ ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާނެ ޙަރަކާތްތަކާއި، އެ ޙަރަކާތްތައް ހިންގުމަށް ހިނގާނޭ ޚަރަދުތަކާއި، އެ ޚަރަދުތައް ހޯދާނެގޮތުގެ ތަފްޞީލާއި، ދައުލަތުގެ އާމްދަނީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގު ފެންނާނީ، ސަރުކާރާއި ދައުލަތުގެ ބަޖެޓް މިގޮތަށް އެކުލަވައިލެވި އަދި އެ މަގަށް އެ ބަޖެޓް ހިންގަން ފެށުނީމާކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަންނަ އަހަރަށް ހުށަހެޅޭ ބަޖެޓަކީ ކުރަންހުރި ވަކި ޚާއްޞަ ކަންތައްތަކެއް ކުރުމަށްޓަކައި އެކުލަވައިލެވިފައިއޮތް ޕްރޮގްރާމެއް ހިންގުމަށްޓަކައި ހިނގާނޭ ޚަރަދު އެ ބަޖެޓުގައި ހުށަހެޅިގެންދާނެ ބަޖެޓަކަށް ވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި ރާއްޖޭގެ އާމްދަނީ، ޖީ.ޑީ.ޕީ ދެގުނަކުރުމަކީ މިރާއްޖޭގެ ރައްޔިތުންނަށް ކުރެވިދާނެ ކަމެއް ކަމުގައި ސަރުކާރުގެ މިދިޔަ ދެއަހަރުގެ ތަޖުރިބާއަށްފަހު ގަބޫލުފުޅު ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގެ ޤާބިލުކަން ދިވެހިންގެ ކިބައިގައި އެބަހުރިކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން، ރާއްޖޭގައި ވަނީ ތަރައްޤީގެ ބިންގާ ހަމަ ވަރަށް ރަނގަޅަށް އެޅިފައިކަމަށް އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލުފުޅުކުރައްވާކަމަށާއި، އެ ބިންގަލުގެ މައްޗަށް އަޅުގަނޑުމެން ސާބިތުކަމާއެކީގައި މަސައްކަތް ކޮށްފިނަމަ، ޖީ. ޑީ. ޕީ. ގެ ދެގުނަކުރުން އަޅުގަނޑުމެންނަށް ހޯދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ. އެގޮތުން، ރާއްޖޭގެ އާމްދަނީ ތަންދިން މިންވަރަކުން އަދި އެހެން އިތުރު ގޮތްގޮތްވެސް ހޯދައިގެން އަސާސީ ޚިދްމަތްތައް، ރާއްޖޭގެ ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއްކަމުގައި ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ރޭގެ ޖަލްސާގައި، ފާދިއްޕޮޅުގެ ތަރައްޤީއާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ދެއްކުނެވެ. އަދި ނައިފަރަށް އުފަން ބޭފުޅެއްކަމުގައިވާ މައްޗަންގޮޅި މާފުނަ އަލްފާޟިލް މުޙަންމަދު އިސްމާޢީލް ފުޅު ލިއުއްވާފައިވާ “ޞިއްޙީ ޚިދުމަތުގައި ދިވެހިރާއްޖޭގެ އިއްޔެއާއި އިހަށްދުވަސް” ކިޔާ ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ. މިފޮތް ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ މުޙަންމަދު އިސްމާޢީލް ފުޅެވެ. އޭނާއަކީ ނޯދަން ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަންވެސް މެއެވެ.