އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެ

23 ސެޕްޓެމްބަރ 2010

ލިޔުނީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގެ ދާއިރާތަކާއި، މާލޭގައި ދިރިއުޅުއްވާ އަތޮޅުތަކުގެ ރައްޔިތުންނަށް ކަލާފާނު ސްކޫލުގައި ހުޅުވިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ މެންދުރުފަހު 2.00 އިން ފެށިގެން ރޭގަނޑު 7.00 އާ ހަމަޔަށް މިއިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނޭ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މި އިންތިޚާބަކީ މުޅިން އިލެކްޓްރޯނިކްކޮށް އެސްއެމްއެސްގެ ޒަރީޢާއިން ވޯޓުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ އިންތިޚާބެވެ. އެގޮތުން ކޮންމެ ރަށެއްގައި ވޯޓުލާ މަރުކަޒެއް ހުންނާނޭ ކަމަށާއި، މި މަރުކަޒުގައި އެ ރަށެއް ހިމެނޭ ދާއިރާގެ ކެންޑިޑޭޓުންނަށް ވޯޓުލުމަށް ޚާއްސަ ފޯނެއް ބޭއްވިފައިވާނޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެރަށެއްގައި ހުންނަ ޕޯލިންގ ސްޓޭޝަނަކުން ވޯޓު ލެވޭނީ އެރަށެއްގައި ރެޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންނަށް ކަމަށާއި، މާލޭގައި މާލޭ ދާއިރާތަކުގެ އިތުރުން ހުރިހާ އަތޮޅުތަކެއްގެ ދާއިރާތަކެއްގެ ކެނޑިޑޭޓުންނަށް ވޯޓުލުމަށް ޚާއްސަކޮށް ރަޖިސްޓްރީކޮށްފައިވާ ފޯނުތައް ކަލާފާނު ސްކޫލުގައި ހުންނަ ޕޯލިންގ ސްޓޭޝަންތަކުގައި ހުންނާނެ ކަމަށެވެ. އަދި ޕޯލިންގ ސްޓޭޝަންތަކަށް ވޯޓުލުމަށް ދާން އުޒުރުވެރިވާ މެމްބަރުންގެ ތެރެއިން އެމްޑީޕީ ސެކްރެޓޭރިއަޓްގައި ފޯނު ނަންބަރު ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިއްބަވައިގެންވެސް މި އިންތިޚާބުގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މިއިންތިޚާބުގެ ކަންތައްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަކިވަކިން ކޮންފަރެންސްކޯލްގެ ޒަރީއާއިން މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި ރަށްރަށުން މިއިންތިޚާބުގެ ކަންތައް ހަމަޖެއްސުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ބުނެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ވޯޓުލުމުގައި އެހީތެރިއަކު ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ކޮންމެ ބޭފުޅަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނީ އެއްބޭފުޅަކަށް ކަމަށާއި، އެހީތެރިކަންފޯރުކޮށްދެއްވާ ފަރާތްވެސް އެމްޑީޕީގެ މެންބަރަކަށް ވާންޖެހޭނޭ ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސްއިން ވޯޓުލުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ. މިއިންތިޚާބުގެ ވޯޓުލާ އެސްއެމްއެސް ފޮނުވަން ޖެހެނީ އިނގިރޭސި ވިލާތުގެ ނަންބަރަކަށެވެ.