އިންޑިއާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާއި ފުވައްމުލަކުން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

އިންޑިއާގައި ދިރިއުޅޭ ދިވެހިރައްޔިތުން ނާއި ފުވައްމުލަކުން، ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ފޯމު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮފީހާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ބޭއްވި މި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ޕެޓިޝަން ފޯމު ހަވާލުކޮށްދެއްވީ އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތެއް ކަމަށްވާ އިބްރާހީމް ޝުކުރީއެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ޞޯލިޙް (އިބޫ) އެވެ.
ފުވައްމުލަކުން މިއަދު ޕެޓިޝަން ފޯމު ހަވާލުކުރި އިރު، މީގެ ކުރިން ވެސް އެރަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ ފޯމު އެމްޑީޕީ އޮފީހާ ހަވާލުކޮށްފައެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ދުވަހަކު ވެސް ގިނަ ދާއިރާތަކުންނާއި ވަކިވަކި ރަށްރަށުން އެމްޑީޕީ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމުތައް ހަވާލުކުރަމުންދާކަން ފާހަގަކުރެވެއެވެ.