ޖަރުމަނުގެ ސިޔާސީ ބައެއް އިސްފަރާތްތަކާ އޮނަރަބަލް ޢަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފި

image-a5f8459a6844356d4a41136b9624ea0ceebafadd603381bfd81d7ba5029ca68c-V

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަފުދު ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖަރުމަނުގެ ސިޔާސީ އިސް ބައެއް ފަރާތްތަކާ އެމް.ޑީ.ޕީގެ ފޮރިން ރިލޭޝަންސް އާއި ބެހޭ ކޮމެޓީގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އޮނަރަބަލް ޢަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

މިގޮތުން ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޖަރުމަނުގެ ކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް އެންޑް ހިއުމެނިޓޭރިއަން އެއިޑް، އެމްޕީ އޮނަރަބަލް ކްރިސްޓޮފް ސްޓްރަސަރ އާއި ޖަރުމަނު ސަރުކާރު ކޯލިޝަންގައި ހިމެނޭ ސޯޝިއަލިސްޓް ޑިމޮކްރަޓިކް ޕާޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރ، އަދި އެޕާޓީގެ ފޮރިން އެފެއާޒްއާ ބެހޭ ސްޕޯކްސްމަން އަދި ޕާލަމެންޓްރީ ފްރެންޑްޝިފް ގްރޫޕްގެ ހެޑް، އެމްޕީ އޮނަރަބަލް ނީލްސް އެނެން އާއި އެޕާޓީގެ ސްޕޯކްސްމެން ފޯރ ހިއުމަން ރައިޓްސް، އެމްޕީ އޮނަރަބަލް ފްރޭންކް ޝްއާބު ހިމެނި ވަޑައިގަންނަވައެވެ.

ޖަރުމަނުގެ ފެޑަރަލް މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް އާއި ޖަރުމަނުގެ ޕާލަމެންޓް ބުންޑެސްޓާގް ގައި ވަކިވަކިން ބޭއްވި މިބައްދަލުވުން ތަކުގައި އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގި ބޭއިންސާފް ޝަރީއަތުގެ މައުލޫމާތު އާއި ސަރުކާރުން ސިޔާސީ އިދިކޮޅު ފަރާތްތަކާއި މެދު އަމަލުކުރަމުން ގެންދާ ގޮތުގެ މައުލޫމާތާއި، މީޑިއާއާއި އެހެނިހެން ޑިމޮކްރެޓިކް ނިޒާމް ކަށަވަރު ކުރުމަށް ބޭނުންވާ ވަސީލަތްތަކަށް ބިރުދައްކަމުންދާ ގޮތުގެ ތަފްސީލްތަކާއި ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި މެދު އަމަލު ކުރަމުން ގެންދާ ހަރުކަށި އަދި ލާއިންސާނީ ގޮތްގޮތުގެ މައުލޫމާތު ދެއްވިއެވެ.

ޝާހިދު ބައްދަލު ކުރެއްވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ރައީސް ނަޝީދުގެ ޝަރީއަތުގެ ކަންތައްތައް ދިޔަ ގޮތާއިމެދު ކަންބޮޑުވެވަޑައިގަންވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރެސީ ގާއިމްކުރުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތް ވަރަށް ގާތުން ބައްލަވުން ގެންގަވާކަމަށް ވިދާޅުވިއެވެ. ހަމަ އެފަދައިން، ޖަރުމަނުގެ ސަރުކާރާއި އީޔޫގެ ތެރެއިން މިކަމުގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ވަފްދުވަނީ ޖަރުމަނުގެ އިތުރުން ބްރަސެލްސްއާއި އިނގިރޭސިވިލާތާއި، ޑެންމާކް އަދި ފަރަންސޭސި ވިލާތަށް މިދަތުރުގައި ޒިޔާރަތްކުރައްވައި އެ ޤައުމުތަކުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.