ޢަހްމަދު މަޙުލޫފުގެ އެޕާރޓްމެންޓަށް ބަޔަކު ގަދަކަމުން ވަނުމަށް ދިމާކޮށް އެމަނިކުފާނަށް ނުރައްކާ ކުރިމަތިކުރުވި މައްސަލަ ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ޢަހްމަދު މަޙުލޫފަށް، ރައީސް ޢަބްﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ވަޒީރަކު ފޯނުން އިންޒާރު ދެއްވާފައިވަނިކޮށް ރޭގެ ވަގުތެއްގައި 10 ވަރަކަށް މީހުންގެ ގޭންގެއް ޢަހްމަދު މަޙުލޫފު ދިރިއުޅުއްވާ އެޕާރޓްމެންޓަށް ގަދަކަމުން ވަނުމަށް ދިމާކޮށް އެމަނިކުފާނަށް ނުރައްކާ ކުރިމަތިކުރުވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އަޙްމަދު މަޙުލޫފަށް މި ނުރައްކާ ކުރިމަތި ކުރުވާފައިވަނީ ސަރުކާރު ނިސްބަތްވާ ޕީ.ޕީ.އެމް އިން އެމަނިކުފާނު ވަކިކޮށްފައިވާ ދަނޑިވަޅާ ދިމާކޮށްކަން ފާހަގަކުރަމެވެ. އަދި މިކަން ހިނގާފައި މިވަނީ ވެސް ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރުތައް ދެމުންދަނިކޮށްކަން ފާހަގަކުރަމެވެ. އަދި މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އެއް މެމްބަރަކު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލައި، އަނެއް މެމްބަރަކަށް ފުރާނަ ގެއްލޭވަރުގެ ނުރައްކާތެރި ޙަމަލާއެއްދީ ޒަޚަމްކޮށްލައި، އަދި އަނެއްބައި މެމްބަރުންގެ ހަށިކޮޅަށް އެނޫން ޒާތުގެ ޙަމަލާތައް ދީފައިވެއެވެ. ނަމަވެސް މިފަދަ ޙަމަލާތަކާއި އިންޒާރުތަކުގެ މައްސަލަތައް ސަލާމަތީ ޚިދުމަތްތަކުން ބަލައި ފިޔަވަޅުއަޅަމުން ނުދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުތަކާއި އަދި ޙަމަލާތައް ދެމުންދާއިރު، އެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމުގައި ސަރުކާރެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދު އިޙްމާލުވެވަޑައިގެންފައިވާކަން ފާހަގަކުރަމެވެ. އަދި އެކަމަކީ މެމްބަރުންނާ، ރައްޔިތުން ޙަވާލުކޮށްފައިވާ ޤާނޫނީ ވާޖިބު މިނިވަންކަމާއެކު އަދާކުރެއްވުމަށް ހުރަސްއަޅުއްވައި ބިރުދެއްކެވުމުގެ ގޮތުން ކުރައްވާކަމެއްކަމުގައި ދެކެމެވެ.

ސަރުކާރަށް ނިސްބަތްނުވާ މެމްބަރުންނަށް މިފަދަ ނުރައްކާ މާޙައުލެއް އޮތުމުގެ ސަބަބުން އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ ރިޕޯރޓުގައި ދިވެހިރާއްޖެ ހިމަނާފައިވަނީ އޭޝިޔާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ތެރެއިން މެމްބަރުންނަށް އެންމެ ބިރުބޮޑު ތަނުގެގޮތުގައިކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އަޙްމަދު މަޙްލޫފަށް ގޭންގަކުން ކުރިމަތިކުރުވި ނުރައްކަލުގެ މައްސަލައާއި އަދި އެހެނިހެން މެމްބަރުންނަށް ދީފައިވާ ޙަމަލާތަކާއި މަރުގެ އިންޒާރުތަކުގެ މައްސަލަތައް ވަގުތުން ބެއްލެވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އެންމެހައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް މި ޕާރޓީން ގޮވާލަމެވެ.

16 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް