އެމްޑީޕީ ކުރިއަށްދާނީ ރައީސް ނަޝީދުގެ ލަފަޔާއި އިރުޝާދާ އެކު

ރައީސް ނަޝީދު ޖަލުގައި ހުންނެވި ނަމަވެސް އެމްޑީޕީ ކުރިއަށްދާނީ އެބޭފުޅާގެ ލަފަޔާ އިރުޝާދާ ވެސް އެކުގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.ރާއްޖެ ޓީވީގެ ލައިވް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ބަޔަކު މީހުން އެމްޑީޕީ ބައިބައިކޮއްލަން މަސައްކަތްތަކެއް ކުރި ނަމަވެސް ޕާޓީގެ ލީޑަޝިޕުން އެކަމަށް ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ޤާނޫންއަސާސީ ހިމާޔަތްކުރުމަށްޓަކާ ކުރަމުންގެންދާ މަސައްކަތްތަކުގައި ވެސް އެމްޑީޕީ ފަހަތަށް ނުޖެހި ދާނީ ބާރަށް ކުރިއަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީގެ ކަންކަމުގައި އާއި ޤާނޫންއަސާސީގެ ހިމާޔަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. ސަރުކާރުން ސިޔާސީ ގޮތުން ރައީސް ނަޝީދަށް އަބަދުވެސް ދަނީ ހަމަލާތަކެއް ދެމުން ކަމަށާއި ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހަކީ ވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ކަމަށް ފާހަގަކުރެވޭ ކަމަށް އިބޫ ވިދާޅުވިއެވެ.
ޢަލީ ވަހީދު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކާއި އަދި އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީން ކުރާނެ ކަމަށާއި “އިރާދަކުރެއްވިއްޔާ ރާއްޖޭގައި ރައްޔިތުންގެ ސަރުކާރެއް ޤާއިމްކޮށްދޭނަން” ކަމަށެވެ.

މެންބަރުންގެ ޢުއްމީދުތަކާއި އެކުގައި ޕާޓީ އޮތީ ކުރިއަށް ދިޔުމުގެ މަގުގައި ކަމަށާއި، ކެއްތެރިކަމާއި ހިތްވަރާ އެކު ތިބުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.