އެމް.ޑީ.ޕީ ގެ ނައިބް ރައީސް މުޙައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ފައްޔާޒު އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ އިލިޔާސް ލަބީބާއި ދެންވެސް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވައިލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ނާއިންސާފުން ދަޢުވާކޮށް އެމަނިކުފާނު ޖަލުގައި ޙައްޔަރުކޮށްގެން އަނިޔާވެރިވަމުންދާތީ އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށާއި އަދި ސިޔާސީ އެހެނިހެން ހައްޔަރީން ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައި މި ޕާރޓީން ރޭގައި ބޭއްވި “އިންޒާރު” ގެ މުޒާހަރާގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރައްވަނިކޮށް ފުލުހުން ހައްޔަރުކޮށްފައިވާ މި ޕާރޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒާއި، ޕާރލަމެންޓްރީ ގްރޫޕްގެ މެމްބަރ އަދި ގަމު ދާއިރާގެ މެމްބަރ ފައްޔާޒު އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރ އިލިޔާސް ލަބީބާއި އަދި އިތުރު 30 ހަކަށް މީހުން ހައްޔަރުކޮށްފައިވާތީ އެ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވައިލަމެވެ.

މި މުޒާހަރާގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރައްވަމުން ގެންދެވި މި ޕާރޓީގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރަމުން ދިއަ އެތައް ބަޔަކު ހައްޔަރުކޮށް، އަދި މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމާއި ނޫސްވެރިންނަށް ހުރަސްއެޅުން ފަދަ ޢަމަލުތައް ފުލުހުން ހިންގާފައިވާއިރު، މި މުޒާހަރާގެ ބައިވެރިން ނޫން ބަޔަކު މުޒާހަރާގެ ތެރެއަށް ވަދެ ސުލްޙަނަގާލުމަށް މަސައްކަތްކުރުމުން ވެސް އެބަޔަކު ހައްޔަރުކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ފުލުހުން މިފަހަރުވެސް ޢަމަލުކޮށްފައިވަނީ ކުޑަދުވަސްކޮޅެއް ކުރިން ސިޓީ ކައުންސިލު ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއަށް ލަޑި ބުރި ހިފައިގެން ވަދެ މުޒާހަރާގެ ބައިވެރިންނަށް ހަމަލާދިނުމުން އެބަޔަކު ހިފެހެއްޓުމަށްފަހު އެ އެންމެން ވަގުތުން ދޫކޮށްލި ބީދާއިންކަން ފާހަގަކުރަމެވެ.

މިޤައުމުގައި މުޒާހަރާތަކާއި އިޙްތިޖާޖުތައް ގިނަވަމުންދާއިރު ވެސް މިސަރުކާރުން ރައްޔިތުންގެ މަސްލަހަތު އޮތްގޮތް ބައްލަވައި އަދި ރައްޔިތުންގެ އަޑުއައްސަވައި، ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް އިސްކަންދެއްވުމުގެ ބަދަލުގައި ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލާ ރައްޔިތުންނާއި މި ޕާރޓީގެ ލީޑަރޝިޕުގެ ބޭފުޅުންނަށް ޓާރގެޓްކޮށްގެން ހައްޔަރުކުރަމުންދާކަން ފާހަގަކުރަމެވެ.

ރައީސް ނަޝީދު މިނިވަން ނުކުރާހާހިނދަކު މިފަދަ ސުލްޙަވެރި އިޙްތިޖާޖްތައް މި ޕާރޓީންނާއި ރައްޔިތުން ހުއްޓުމެއްނެތި ކުރަމުން ގެންދާނެކަން ބަޔާންކުރާހިނދު، މިކަމުގައި އެންމެހައި ރައްޔިތުން ބައިވެރިވުމަށް މި ޕާރޓީން ގޮވައިލަމެވެ.

7 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް