މިވަގުތަށް ރާއްޖެއަށް އެންމެ ހެޔޮގޮތަކީ ޤާޞިމް އިބްރާހީމާ ވަގުތީގޮތުން ރާއްޖޭގެ ވެރިކަން ޙަވާލުކުރުންކަމަށް އެމް.ޑީ.ޕީ އިން ޤަރާރެއް ފާސްކޮށްފި

ރާއްޖޭގައި މިހާރު ހިންގަމުންދާ އެންމެހައި ކަންކަމުގެ ޙާލަތަށްބަލައި، ދިވެހި ޤައުމަށް މިވަގުތަށް އެންމެ ހެޔޮ ގޮތަކީ ޖުމްހޫރީ ޕާރޓީގެ ލީޑަރ އަލްފާޟިލް ޤާޞިމް އިބްރާހީމާ ވަގުތީގޮތުން ރާއްޖޭގެ ވެރިކަން ޙަވާލުކުރުންކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ޤަރާރެއް ފާސްކޮށްފިއެވެ.

އެމް.ޑީ.ޕީ އިން މި ޤަރާރު ފާސްކޮށްފައިވަނީ 7 ޑިސެމްބަރ 2014 ވީ އާދީއްތަ ދުވަހު މާލޭ ސިޓީ ހޯލުގައި ބޭއްވި އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ 127 ވަނަ ކުއްލި (ޚާއްޞަ) ބައްދަލުވުމުގައި ޙާޟިރުވެވަޑައިގަތް މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ޤަރާރު ހުށަހަޅުއްވާފައިވަނީ ޤައުމީ މަޖިލީހުގެ މެމްބަރ އަދި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ޤަރާރަށް ތާޢީދުކުރައްވާފައިވަނީ ޤައުމީ މަޖިލީހުގެ މެމްބަރ އަދި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޢަބްދުﷲ ޝާހިދެވެ.

ޤައުމީ މަޖިލީހުގެ މި ބައްދަލުވުމަށް ޙާޟިރުވެވަޑައިގަތް މެމްބަރުންގެ މެދުގައި މި ޤަރާރާމެދު ޝުޢޫރު ފާޅުކޮށް ބަހުސްކުރުން އޮތެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އެމް.ޑީ.ޕީގެ ޗެއަރ ޕާރސަން ޢަލީ ވަޙީދެވެ.

8 ޑިސެމްބަރ 2014