އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދުގެ ކާރުކޮޅަށް ގެއްލުންދީފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންކަމުގެ މަޤާމާއި އަލީ ވަހީދު ހަވާލުވެ ވަޑައިގެންނެވިތާ މަސްދުވަސް ނުވަނީސް އެމަނިކުފާނުގެ ކާރުކޮޅަށް ރޭ ބަޔަކު ހަމަލާދީ، ކާރުގެ ބިއްލޫރި ގަނޑުތަޅާލާ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޗެއަރޕާސަން އަލީ ވަހީދުގެ ކާރުގެ ޑްރައިވަރު ކާރުން ފޭބި ވަގުތު ބަލާ ދިން މި ހަމަލާތަކުގައި އެމަނިކުފާނުގެ ކާރުކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޕާޓީގެ ލީޑަރޝިޕާއި، އިދާރީ މުވައްޒަފުންނާއި އަދި މަޖިލިސް މެމްބަރުންނަށް ހަމަލާދީ، ގެއްލުންދޭނެކަމުގެ އިންޒާރުތަކެއް ލިބެމުންދާތީ އެމައްސަލަ ބަލައިދިނުމަށް އެދި ޕާޓީގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް، މިއަދާއި ހަމައަށްވެސް އެމައްސަލަ އެކަށީގެންވާ ގޮތެއްގައި ފުލުހުން ބަލާފައެއްނުވެއެވެ.

އެމްޑީޕީގެ ހިންގުން ހަރުދަނާވެ، ޕާޓީގެ ހަރަކާތްތައް ވަރުގަދަވެގެންދާ ކޮންމެ ދަނޑިވަޅެއްގައި މިފަދަ ހަމަލާތައް އާއްމުވެ، ޕާޓީ ފަހަތައް ޖެއްސުމަށް އެކި ފަހަރުމަތިން މަސައްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޗެއަރޕާސަން އަލީ ވަހީދުގެ ކާރުކޮޅަށް ދިން ހަމަލާއަށްފަހު ވެސް، އެމަނިކުފާނު ހުންނެވީ ޕާޓީގެ ހަރަކާތްތައް ޖަސްޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް ކެރިގެން ގަދަހިތްވަރާއިއެކުއެވެ.