އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އޭސިއަން ޕޮލިޓިކަލް ޕާޓީސްގެ 8 ވަނަ ބައްދަލުވުމުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންފި

މިއަދު ފެށުނު އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އޭސިއަން ޕޮލިޓިކަލް ޕާޓީސްގެ ( އައިކެޕް ) 8 ވަނަ ބައްދަލުވުމުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤް ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 19 ން 21 އަށް ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ކުރިޔަށްދާ މި ބައްދަލުވުމުގައި މި ޕާޓީގެ ސެކްރެޓަރީ ޖެނެރަލުގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނާއިބު ރައީސާ ޝާނީޒް ސައީދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ދުނިޔޭގެ 33 ގައުމަކުން 75 ސިޔާސީ ޕާޓީން 247 މަންދޫބުން ބައިވެރިވާ މި ބައްދަލުވުން ފަށްޓަވައިދެއްވީ ސްރީލަންކާގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އެވެ.
2000 ވަނަ އަހަރު މެނީލާއިން ފެށިގެންދިޔަ “އައި ކެޕް” ގައި ދުނިޔޭގެ 53 ގައުމަކުން 364 ސިޔާސީ ޕާޓީ މިހާރު ހަރަކާތްތެރިވަމުންދެއެވެ.