އިޒްރޭލުގެ ޢުދުވާންތަކާ ދެކޮޅަށް އަޑުއުފުލައި އެމް.ޑީ.ޕީ އިން ބޭއްވި ހިނގާލުމުގެ ބައިވެރިންގެ މައްޗަށް ޖިނާޢީ ދަޢުވާކުރުމަށް ޤާނޫނާ ޚިލާފު ހޯމް މިނިސްޓަރ އަމުރުކުރެއްވި މައްސަލަ މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރުން

noosbayan

އިޒުރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ޙަމަލާތަކާއި އަދި ފަލަސްތީނުގެ ރައްޔިތުން މަރަމުންދާދިއުމާ އިދިކޮޅަށް މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އަޑުއުފުލައި އިޙްތިޖާޖުކުރުމުގެ ގޮތުން ސުލްޙަވެރި ހިނގާލުމެއް ބޭއްވުމުން ހޯމް މިނިސްޓަރ އުމަރު ނަޞީރު، އެ ހިނގާލުމުގެ ބައިވެރިންގެ މައްޗަށް ޖިނާޢީ ދަޢުވާކުރުމަށް ޤާނޫނާ ޚިލާފު އަމުރުކުރެއްވި މައްސަލަ މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ އިން މާލޭގެ މަގުތަކުގައި އެ ހިނގާލުން ބާއްވާފައިވަނީ މިޕާރޓީގެ ޤައުމީ މަޖިލީހުން މީގެކުރިން ފާސްކުރި ގޮތާ އެއްގޮތަށް އިޒްރޭލުގެ ޢުދުވާންތަކާ ދެކޮޅަށް އިޙްތިޖާޖުކުރުމުގެ ގޮތުންނެވެ. އަދި ދިވެހިސަރުކާރު ހަނުހިމޭނުން އޮއްވައި އިޒުރޭލުގެ ޢުުދުވާންތަކާ ދެކޮޅަށް ރާއްޖޭގައި އިޙްތިޖާޖުކޮށް އަޑުއުފުލުމަށް އިސްނަގައި އެގޮތުން އެންމެ ފުރަތަމަ ވެސް އިޙްތިޖާޖުކުރި ޕާރޓީއަކީ އެމް.ޑީ.ޕީ ކަން ފާހަގަކުރަމެވެ. އަދި އެމް.ޑީ.ޕީ އިން ބޭއްވި އެ ހިނގާލުމަކީ ސުލްޙަވެރި، އަދި އެއްވެސް ފަރާތަކާ ކުރިމަތިލުމެއް ހިނގާފައިނުވާ ޙަރަކާތެކެވެ.

ޢުމަރު ނަޞީރު ޤާނޫނާ ޚިލާފު އެ އެންގެވުން އަންގަވާފައިވަނީ އިޒުރޭލުން ޣައްޒާއަށް ދެމުންދާ ޢުދުވާތަކާ ދެކޮޅަށް އަޑުއުފުލުމަށް ދިވެހިސަރުކާރު ފަސްޖެހިފައިވަނިކޮށް އެކަމުގައި އެންމެ ފުރަތަމަ ވެސް އިޙްތިޖާޖުކުރި ބަޔަކީ އެމް.ޑީ.ޕީ ކަމަށްވީތީ ސަރުކާރަށް އެކަން ހަޖަމްނުކުރެވުމުންކަމަށް މި ޕާރޓީން ދެކެމެވެ.

ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަތުމަށް މިސަރުކާރުގެ ހޯމް މިނިސްޓަރ އުމަރު ނަޞީރު މަސައްކަތްކުރައްވާއިރު، އޭނާއަކީ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާޢީ މަރުކަޒުތަކަށް ވަނުމަށް މަސައްކަތްކުރައްވައި އަދި ލަޓިބުރި ހިއްޕަވައިގެން މުޒާހަރާކުރައްވައި ޤާނޫނު މުގުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރަމެވެ. އަދި މިހާރު ވެސް އޭނާގެ މައްޗަށް އެކަމުގެ ޝަރީޢަތްކުރެވެމުންދާކަމާއި، އަދި އެ ޝަރިޢަތްތަކަށް ޙާޟިރުވެވަޑައި ނުގަތުމުގެ ސަބަބުން އޭނާ ޙައްޔަރުކުރުމުގެ ކޯޓު އަމުރު ވެސް ނެރެފައިވާކަން ފާހަގަކުރަމެވެ.

މި ޕާރޓީ އަކީ ޤައުމުތައް އަޅުވެތިކުރުމާއި، ރައްޔިތުން މެރުމާއި، ލާއިންސާނީ އަނިޔާކުރުމާ ދެކޮޅަށް އަބަދުވެސް ވަކާލާތުކޮށް އަޑުއުފުލާ ސިޔާސީ ޕާރޓީއެކެވެ. އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުން ފަދަ ޙައްޤުތަކަކީ މިޕާރޓީން ފަހަތަށްނުޖެހި އަބަދުވެސް ސާބިތުކަމާއެކު ދިފާއުކުރާނޭ ޙައްޤުތަކެކެވެ.

15 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް