މަސްވެރިކަމުގެ ސިނާޔަތަށް ބޮޑެތި ގެއްލުންވާގޮތަށް މިހާރު މިއޮތް ސަރުކާރުން އަމަލުކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

މަސްވެރިކަމުން މަސްވެރިންނަށާއި ދިވެހިރާއްޖެއަށް ލިބޭ ނަފާ، މަދުވަމުންދާތީއާއި ސަރުކާރުން މިކަމުގައި އިހުމާލުވަމުންދާތީ އެކަމުގެ ކަންބޮޑުވުން މި ޕާރޓީން ފާޅުކުރަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ސަރުކާރުގައި މަސްވެރިކަމުން ލިބޭ ނަފާ، އަހަރުން އަހަރަށް ދިއައީ އިތުރުވަމުންނެވެ. މިގޮތުން މެރިކަލްޗަރ ނުވަތަ ފަޅުގޮވާމުގެ މަސައްކަތުން 2008 ވަނަ އަހަރު 340 ޓަނު ރާއްޖެއިން ބޭރުކޮށްފައިވެއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރު ވައްޓައިލި އިރު މިއަދަދު 919 ޓަނަށް އިތުރުކުރެވިފައިވެއެވެ.

އެހެންނަމަވެސް އެމް.ޑީ.ޕީގެ ސަރުކާރު ވައްޓައިލި ފަހުން މިހާރު މެރިކަލްޗަރ ނުވަތަ ފަޅުގޮވާމުގެ މަސައްކަތް ދުވަހުން ދުވަހަށް ދަނީ ހީނަރުވެ، ދަށްވަމުންކަން ހިތާމައާއެކު ފާހަގަކުރަމެވެ. މިގޮތުން 2013 ވަނަ އަހަރު ނިމުނު އިރު އެ އަދަދުވަނީ 773 ޓަނަށް ދަށްވެފައިކަން ފާހަގަކުރަމެވެ.

ހަމަ އެފަދައިން، އެމް.ޑީ.ޕީގެ ސަރުކާރު ވައްޓައިލިފަހުން، ދަޅުގައި ނުވަތަ ޕޯޗްގައި މަސް ބަންދުކުރެވޭ މިންވަރު ވެސް އަހަރުން އަހަރަށް އެތަށް ގުނައަކުން ދަށްވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން 2008 އާއި 2011 އާދެމެދު ދަޅުގައި ނުވަތަ ޕޯޗްގައި އެވެރޭޖްކޮށް 6000 ޓަނު ބޭރުކުރަމުން ދިއަނަމަވެސް ، އެމް.ޑީ.ޕީގެ ސަރުކާރު ވައްޓައިލިފަހުން 2012 ވަނައަހަރު ބޭރުކޮށްފައިވަނީ 2204 ޓަނެވެ. އަދި 2013 ވަނަ އަހަރު އެއަދަދުވެސް ވަނީ 1907 ޓަނަށް ދަށްވެފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިކަން މިހެން އޮތުމުގެ އިތުރުން މަސްވެރިން ބޭނުންކުރާ ޑީސެލުން ނަގާ ޑިއުޓީ، އެމް.ޑީ.ޕީގެ ސަރުކާރުގައި އުވާލާފައިވަނިކޮށް، މިހާރު މިއޮތް ސަރުކާރުން އަލުން އެ ޑިއުޓީ ނަގަންފެށުމުގެ ސަބަބުން ވެސް މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންވަމުންދާކަން ފާހަގަކުރަމެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދުގައި ލޭނުއެޅުމުގެ މަސްވެރިކަމުގެ ނަމުގައި ދާއަޅަމުންދާ ދިއުން އެމް.ޑީ.ޕީގެ ސަރުކާރުގައި ހުއްޓުވާފައި ވީނަމަވެސް، މިހާރު އެކަން އަލުން ހުޅުވާލާފައިވާކަން ފާހަގަކުރަމެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރު ވައްޓައިލުމާއެކު މަސްވެރިން ބާނާ މަހުގެ އަގު ދަށްކޮށްފައިވާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިހާރު މިއޮތް ސަރުކާރުން “ބެޔަސް ނުބެޔަސް 10,000/- ރުފިޔާ” ކޮންމެ މަސްވެރިޔަކަށް ދޭނެކަމަށް ވަޢުދުވެ، ވެރިކަމަށް އައުމަށްފަހު އެ ވަޢުދު ނުފުއްދައި، އެއާ ޚިލާފަށް ކުރިން ޢާންމުކުރަމުން އަންނަ މަސް ރިޕޯރޓް ވެސް މި ސަރުކާރުން އޮޅުވާލުމުގެ ގޮތުން މިހާރު އާންމުކުރަމުން ނުދާކަން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދިއުމާއި އަދި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އުފެއްދުންތެރިކަމުގެ ސިނާޔަތަށް ބޮޑެތި ގެއްލުންވާގޮތަށް މިހާރު މިއޮތް ސަރުކާރުން އަމަލުކުރަމުން ގެންދާކަމީ އެމް.ޑީ.ޕީ އިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި މިކަން މިގޮތަށް ދިމާވަމުންދަނީ މަސްވެރިކަމުގެ އެއްވެސް ސިޔާސަތެއް ނުވަތަ ތަޞައްވަރެއް މިހާރު މިއޮތް ސަރުކާރުގެ ނެތުމުންކަން ވެސް ދެކެމެވެ.

7 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް