ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަމަޖެއްސުމުގައި އެމް.ޑީ.ޕީ އިން ހާމަކުރި ގޮތްތައް، ޖުމްހޫރީ ޕާރޓީން ބަލައިގަތުން

noosbayan

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަމަޖެއްސުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބުރަވެވޭ ގޮތްތައްކަމަށް ހާމަކުރި ގޮތްތަކަކީ ޖުމްހޫރީ ޕާރޓީއަށް ވެސް ބަލައިގަނެވޭ ގޮތްތަކެއްކަމަށް ޖުމްހޫރީ ޕާރޓީން ހާމަކުރި ހާމަކުރުން އެމް.ޑީ.ޕީ އިން ފާހަގަކުރަމެވެ.
ޖުމްހޫރީ ޕާރޓީގެ ފަރާތުން އެ ޕާރޓީގެ ސެކްރެޓެރީ ޖެނެރަލް އޮނަރަބަލް އަޙްމަދު ސަމީރު މީޑިއާގައި ވިދާޅުވި ވާހަކަފުޅުތަކުން އެމް.ޑީ.ޕީއަށް ދޭހަވަނީ ޖުމްހޫރީ ޕާރޓީގެ ޚިޔާލުތަކާއި ފިކުރުތައް ހުރީ އެމް.ޑީ.ޕީއާ އެއް މަސްދަރެއްގައިކަމެވެ. ޖުމްހޫރީ ޕާރޓީން ހާމަކުރިގޮތުގައި އެމް.ޑީ.ޕީގެ ސިޔާސަތުތަކަކީ ޤައުމަށް ފައިދާހުރި ސިޔާސަތުތަކެއް ކަމަށާއި، އަދި ޤައުމަށް ފައިދާހުރި ކަންކަމުގައި ޖުމްހޫރީ ޕާރޓީން އަބަދުވެސް ގުޅިގެން މަސައްކަތްކުރާނޭކަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަމަޖެއްސުމުގައި އެމް.ޑީ.ޕީއިން ބުރަވެވޭ ގޮތްތައްކަމަށް ހާމަކުރި ގޮތްތަކަށް މި ދެޕާރޓީގެ ދެމެދުގައި ޚިޔާލު އެއްގޮތްވިކަމުގައި ވީނަމަވެސް އެކަމަކީ މި ދެޕާރޓީގެ ދެމެދުގައި ކޯލިޝަނެއް ހެދުމަކަށް ޚިޔާލު އެއްގޮތްވިވުމެއް ނޫނެވެ. އަދި ސަރުކާރުގެ ކޯލިޝަނުން ޖުމްހޫރީ ޕާރޓީ ވަކިވުންފަދަ ޢަމަލެއް ވެސް ނޫންކަމުގައި ދެކެމެވެ.

25 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް