122 ވަނަ ޤައުމީ މަޖިލިހުގެ ބައްދަލުވުމުގެ ނިންމުންތައް

ނިންމުންތައް:
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް:

މި ނިންމުމާ ގުޅިގެން ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މި ނިންމުމމުގައި ވަނީ ކޮންމެ ސިޓީއަކުން އެއް ކައުންސިލަރާއި އަދި ކޮންމެ އަތޮޅަކުން އެއް ކައުންސިލަރު ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަނެވޭނޭ ކަމަށެވެ. މިގޮތުން ޤައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހިމެނުމަށް ކައުސިލަރުން ކަނޑައެޅޭނީ އެއްވެސް އެހެން ޙައިޞިއްޔަތަކުން ޤައުމީ މަޖިލީހުގައި ހިމެނިވަޑައިނުގަންނަވާ ކައުންސިލަރުންގެ ތެރެއިން ކޮންމެ ސިޓީ ކައުންސިލަކުންނާއި ކޮންމެ އަތޮޅެއްގެ ކައުންސިލަރުންގެ ތެރެއިން އެ އަތޮޅަކުން އެމްޑީޕީގެ ކައުންސިލަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަނޑައަޅާ އެއް މެމްބަރެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުން ޖީއެމްއާރ ކޮންސޯޓިއަމްއާ ދިވެހިސަރުކާރާއެކު ކުރެވުނު އެއްބަސްވުން ކޮންޓްރެކްޓާ ޚިލާފަށް ސަރުކާރުން ބާޠިލްކުރުމާ ގުޅިގެން ސިންގަޕޫރުގެ އަރބިޓްރޭޝަން ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކާމެދު ބަހުސް ކުރެވުނެވެ.
ޤައުމީ މަޖިލިހުގެ މެމްބަރު ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހުޅުއްވީ ޖީއެމްއާރް ގެ މައްސަލަ ޕާޓީގެ ކޮމިޓީ ނިޒާމްގެ ތެރެއިން، އިގްތިސާދީ ކޮމިޓީއާއި ގާނޫނީ ކޮމިޓީ އެކުލެވޭ ޖޮއިންޓް ކޮމިޓީ އަކުން ބައްލަވައި ރައްޔިތުންނަށް ކަމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކޮށްދެއްވަމުން ގެންގޮސްދެއްވާ، މިޕްރޮޖެކްޓް ކުރިއަށް ގެންގޮސް އަވަހަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުގެ މަސައްކަތް އަލުންފަށާ އެއަރޕޯރޓް އަވަހަށް ނިންމުމަށް ތާއީދު ހޯދާ މަސައްކަތް ކުރުންމަށެވެ. މި ހުށަހެޅުން 37/37 ވޯޓުން ފާސްވިއެވެ.

ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒްގެ ހުށަހެޅުއްވީ ޖީއެމްއާރް މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު މަސައްކަތްކުރައްވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހުއްދަ ނުހޯދާ ކަމަށްވާތީ، މިކަން މިހިނގަނީ ރަނގަޅަށްތޯ ޤާނޫނީ ކޮމިޓީ އިން ބައްލަވައިދެއްވުމަށެވެ. މިހުށަހެޅުން ފާސްވީ 37/37 ވޯޓުންނެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ) ގެ ހުށަހެޅުއްވީ ދީނާއި ގައުމަށްޓަކައި ކަމަށް ބުނެ ޖީއެމްއާރް ބޭރުކޮށް، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ދިވެހި ދައުލަތުގެ ފަރާތުން ބަނގުރާ ވިއްކަމުން ދާތީ، ޕޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުން ދެކޭ ގޮތަކާއި، އިސްލާމް ދީނުގައި މިކަން އޮތްގޮތެއް ބަލައިދިނުމަށް. ވޯޓު 37/37

ޒުވާނުންގެ ހިއްވަރުގެ ރައީސާ އައިމިނަތު ޝައުނާ ހުށަހެޅުއްވި ޤަރާރު ‘މަސައްކަތްތެރިންގެ ހައްޤުގައި މުޒާހިރާ ކުރުން’ 01 މެއި ގައި “މޭ ޑޭ” އެމްޑީޕީން ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމުން. މިޤަރާރު ފާސްވީ 37/37 ވޯޓުންނެވެ.

ޤަރާރު:
“ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އިޤްރާރުވަނީ،

2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އަންނަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ަފާހަގަ ކުރަމުން ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ އައިއެލްއޯގައި ދިވެހިރާއްޖެ ބައިވެރިވެ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު ހިނގާ ދެބަސްވުން ހައްލު ކުރުމަށް ޤަވާއިދެއް އެކުލަވާލައި އެޤަވާއިދަށް އަމަލުކުރަން ފެށި، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލެވި، ލޭބަރ ޓްރައިބިއުނަލް ޤާއިމުކުރެވި 2012 ވަނަ އަހަރު މަސައްކަތްތެރިންނަށް އުޖޫރައިގެ ގޮތުން ދެވޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށް ނިންމައި އެކަމާ ގުޅޭ އެންމެހައި ދިރާސާތައް ކުރެވި، އެކަން މޮނިޓަރ ކުރުމަށް އައު ބޯޑެއް އެކުލަވާލެވި، މަސައްކަތްތެރިޔާ ދިރިއުޅޭ ތަން ހުންނަންޖެހޭ އެންމެ އަސާސީ މިންގަނޑު ކަނޑައެޅުމުގެ ޤަވާއިދު އެކުލަވާލާފައިވާހިނދު މިއަދުވެސް މަސައްކަތްތެރިންގެ އެތައް ޙައްޤުތަްކެއް ރައްކާތެރިނުކުރެވި ސަރުކާރުންނާއި ދައުލަތުން މަސައްކަތްތެރިންގެ ޙައްޤުތައް ނިގުޅައިގަނެ ބިރުދައްކެމުގެ ޚުދުމުހުތާރު އާދަތައް އަނބުރާ އިއާދަވަމުން އަންނާތީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް ގޮވާާލައި، މިނިމަމް ވޭޖް ކަނޑައަޅައި އައިއެލްއޯގެ ކޮންވެންޝަން ނަމްބަރ 155، ކޮންވެންޝަން އޮން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހަލްތުގައި މިހާރުން މިހާރަށް ދިވެހިރާއްޖެއިން ބައިވެރިވެ އަދި މިނޫންވެސް، މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ އައިއެލްއޯގެ ކޮންވެންޝަންތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ގޮވާލައި، 1 މެއި 2014 (ލޭބަރ ޑޭ)ކުލަގަދަކޮށް ފާހަގަ ކުރުމަށް އެމްޑީޕީން ޢާންމު އެއްވުމެއް ބޭއްވުމށެވެ.

ގަރާރު ހުށައެޅިފަރާތް: ގައުމީ މަޖިލީހުގެ މެންބަރު: ޒުވާނުންގެ ހިއްވަރުގެ ރައީސް އާމިނަތު ޝައުނާ

ތާޢީދު ކުރީ: ގައުމީ މަޖިލީހުގެ މެމްބަރ: މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ”