އެމެރިކާގެ އެމްބެސެޑަރ އެމްޑީޕީ ގެޗެއަރޕާސަންއާއި ބައްދަލުކުރައްވައިފި

moosa us ambass

އެމެރިކާގެ އެމްބެސެޑަރ މިޝެލް ސިސޯން މިއަދު އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކުއާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި މިވަގުތުގެ ސިޔާސީ ހާލަތު ބަޔާންކޮށްދެއްވަމުން މޫސާމަނިކި ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރުމުގެ މަގްސަދުގައި ދައުލަތުގެ ބައެއް ބާރުތަކާއި، މުއައްސަސާތަކުން އެއިންތިހާބަށް ނުފޫޒުފޯރުވަމުންގެންދާކަމަށެވެ. އިލެކްޝަންސްކޮމިޝަންގެ މެމްބަރުންނަށް ގާނޫނީ ގޮތުންނާއި، ފައިސާގެގޮތުން ދަތިތައް ކުރިމަތިކުރުވުމާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން އިލެކްޝަންސްކޮމިޝަނުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ހުރަސްއަޅާކަމަށް ތުހުމަތުކުރައްވާ، އެކަންކަން ކުއްވެރިކުރެއްވިއެވެ. ޑިމޮކްރަސީއެއްގައި ދައުލަތުގެ ބާރުތަކުން އިންތިހާބްތަކަށް އިހްތިރާމްކުރަންޖެހޭއިރު، މިކަންކަމަށް މަގުފަހިކޮށްދިނުމަށް ބާރުއަޅުއްވައިދެއްވުމަށް އެމެރިކާގެ އެމްބެސެޑަރގެއަރިހުން ޗެއަރޕާސަން އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހުރަސްއަޅައިފިނަމަ، ޕާޓީގެފަރާތުން އިންތިހާބުގައި ބައިވެރިނުވުމާއި، ގައުމީފެންވަރުގައި އިހްތިޖާޖްތައްފެށުމުގެ ރޫހް ޕާޓީގައި އެބަހުރިކަމުގައިވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

ހިއުމަން ޓްރެފިކިންގްއާއި، މަނީލޯޑަރިންގްގެ މައްސަލަތަކުގައި ގާނޫނީގޮތުންނާއި އިދާރީގޮތުން އެކުލަވާލާ، ތަމްފީޒުކުރަންޖެހޭ އިޖްރާއަތްތައް ގާއިމްނުކުރެވި ލަސްވަމުންދާތީވެ އެކަންކަމާބެހޭގޮތުން ހުރި ކަންބޮޑުވުން ތަކާބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝަވަރާކުރެވުނެވެ.

އެމެރިކާގެ އެމްބަސީގެ ޕޮލިޓިކަލް އޮފިސަރ ޑރ.މައިކަލް އާވިން އާއި އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޢަފޫރުވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީ ސެކްރެޓޭރިއެޓް، މާލެ.