އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރ ޙާމިފު ޢަބްދުލް ޣަފޫރު ނެރުއްވާ ނޫސްބަޔާން

noosbayan

ނޫސްބަޔާން

4 ނޮވެމްބަރ 2013 (ހޯމަ)

އަޅުގަނޑުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކަށް އަޅުގަނޑު ޙާޟިރުނުވާކަމަށްބުނެ، އަޅުގަނޑު 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާކަމަށްބުނާ ޙުކުމް އިސްތިއުނާފު ކުރުމަށް އަޅުގަނޑު މިދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ކްރިމިނަލް ކޯޓުން އަޅުގަނޑުގެ މައްޗަށް ކޮށްފައިވާކަމަށް ބުނާ ޙުކުމުގެ އަޞްލު ނުވަތަ ކޮޕީއެއް ނަމަވެސް ލިބޭތޯ އަޅުގަނޑުގެ ފަރާތުން ކްރިމިނަލް ކޯޓަށް ވާނީ ސިޓީއަކުން ދަންނަވާފައެވެ. އެސިޓީގެ ޖަވާބެއްވެސް، އަދި އެޙުކުމުގެ ކޮޕީއެއްވެސް މިވަގުތު ނުދޭނެކަމަށްބުނެ، ކްރިމިނަލް ކޯޓުން މިއަދު އަޅުގަނޑަށް އަނގަބަހުން ވަނީ ޖަވާބު ދީފައެވެ. ޝަރްޢީ ކޯޓަކުން ކުރާ ޙުކުމަކީ، އަދި އަމުދުން އަޅުގަނޑުގެ ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތަކަކީ އޭގެ ޒާތުގައި ހާމަކުރަންވާނެ ޙުކުމްތަކެކެވެ. އެތަކެތި ފޮރުވައިގެން ގެންގުޅުމަކީ، ޤާނޫނީ ކަންކަމުގެ އެއްވެސް މިންވަރެއް ދަންނަ މީހަކު ކުރާނެ ކަމެއް ނޫނެވެ. އަދި އެކަމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 61 ވަނަ މާއްދާގެ (ރ) އާ ކަނޑައެޅިގެން ޚިލާފަށް ކްރިމިނަލް ކޯޓުން ކުރައްވާ ކަމެކެވެ.

އަޅުގަނޑުގެ މައްޗަށް ކޮށްފައިވާކަމަށް ބުނާ ޙުކުމް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ކްރިމިނަލް ކޯޓުން ކުރައްވާފައިވާކަމަށް ބުނާ (އަޅުގަނޑަށް އެޙުކުމުގެ ކޮޕީއެއް ދިނުމަށް ކްރިމިނަލް ކޯޓުން އިންކާރު ކޮށްފައިވާ) ޙުކުމުގެ އަޞްލާއެކު ހުށަހަޅައިގެން މެނުވީ، އެމައްސަލަ ހައިކޯޓުން ބަލައި ނުގަންނަވާނެކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ. އެޙުކުމުގެ އަޞްލު އޮތް ހަމައެކަނި ފަރާތްކަމަށްވާ ކްރިމިނަލް ކޯޓުން ޙުކުމުގެ އަޞްލު އަޅުގަނޑަށް ދިނުމަށް ކަނޑައެޅިގެން އިންކާރު ކުރަނިކޮށް، އެއަޞްލު ހޯދާނެ ގޮތެއް އަޅުގަނޑަކަށް އަދިވެސް ނުވިސްނެއެވެ. އަދި މިކަމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ލިބޭ އިސްތިއުނާފުކުރުމުގެ ޙައްްޤަށް އުނިކަން ލިބޭ ކަމެއްކަން އަޅުގަނޑު ހިތާމައާއެކު ފާހަގަ ކުރަމެވެ.

މީގެ އިތުރުން، ހައިކޯޓުގެ ރަޖިސްޓްރޭޝަންގެ ކަންތަކާ ޙަވާލުވެހުންނެވި ހައިކޯޓުގެ ރަޖިސްޓްރާއ މިއަދު ހުންނެވީ ސަލާމުގައެވެ. އެކަމަނާގެ ފޯނަކަށްވެސް ޖަވާބެއް ނުދެއްވައެވެ. ދިގު ހަފްތާ ބަންދަކަށްފަހު، މާދަމާވެސް ބަންދުވާނެތީ، މިއަދު ސަލާމް ބުނެގެން 5 ދުވަހުގެ ދިގު ޗުއްޓީއެއް ނަންގަވައިގެން ނަމަވެސް، މާތް ﷲގެ މިންވަރުފުޅުން ރަޖިސްޓްރާރ މިވަގުތު އެހުންނެވި ބަލިމަޑުކަމުން އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ކުރަމެވެ.

ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ރ) ގެ ދަށުން، އަޅުގަނޑާބެހޭ ގޮތުން ކޯޓުގައި ހުރި މަޢްލޫމާތަކީ އަޅުގަނޑަށް ލިބެންޖެހޭ މަޢްލޫމާތެކެވެ. އެޙައްޤަށް ކްރިމިނަލް ކޯޓުން ވަނީ ޙައްޤަކާ ނުލައި އަރައިގެންފައެވެ. ކޯޓުތަކުން ނިންމާ މައްސަލަތައް މަތީ މަރްޙަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ލިބޭ އަސާސީ ޙައްޤެކެވެ. ދަތި އުނދަގޫ އިދާރީ އިޖުރާއާތުތަކެއް މެދުވެރިކޮށް، އިސްތިއުނާފުކުރުމުގެ ޙައްޤަށްވެސް ޝަރްޢީ ކޯޓުތަކުން މިދަނީ އަރައިގަންނަމުންނެވެ.

ކްރިމިނަލް ކޯޓަށް ޙާޟިރުނުވީކަމަށް ބަލައި، އަޅުގަނޑުގެ މައްޗަށް ކްރިމިނަލް ކޯޓުން 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރި ޙުކުމަށް ބަލާއިރު، އެޙުކުމް ބިނާ ކުރެއްވި އެއް އަސާސަކީ، އަޅުގަނޑު ދިރިއުޅޭ ގެއަށް ޗިޓު ފޮނުވުމުން، އަޅުގަނޑު ގޭގައި ނެތުމުން، އެޗިޓާ ގެއިން ޙަވާލު ނުވުމެވެ. ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވުމަކީ ޖިނާއީ ކުށެއްނަމަ، އެކުށް ކުރީ އަޅުގަނޑެއް ނޫނެވެ. އަޅުގަނޑު ގޭގައި އުޅުނު ކޮންމެވެސް މީހެކެވެ. އެއީ ކާކުކަމެއް އަޅުގަނޑަކަށް ނުވެސް އެނގެއެވެ. އެމީހަކު ކުރި ކުށެއްގެ ޖިނާއީ ޒިންމާ އަޅުގަނޑު އުފުލައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޅުގަނޑު 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރުމަކީ، ދުނިޔޭގެ އެއްވެސް ޝަރްޢީ ނިޒާމެއްގައި ކަން ކުރާނެ ގޮތެއް ނޫނެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް، އެޤާނޫނަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރެއްވުމަކާ ނުލައި އަޅުގަނޑު ކޯޓަށް ޙާޟިރުކުރުމަށް ކްރިމިނަލް ކޯޓުން ކުރައްވާ މަސައްކަތަކީ، ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ޝަރްޢީ ދާއިރާއިން އަރައިގަތުމެވެ. ވީމާ، މިމައްސަލައަކީ އަޅުގަނޑާ ކްރިމިނަލް ކޯޓާ ދެމެދު އޮތް މައްސަލައެއް ނޫނެވެ. މިއީ، ރައްޔިތުންގެ މަޖިލީހާއި ޝަރްޢީ ދާއިރާއާ ދެމެދު އޮތް މައްސަލައެކެވެ. އަޅުގަނޑަކީ، ހަމައެކަނި މިދެމެދުގައި ތާށިވެފައި ހުރި ބަދުނަސީބު މީހެކެވެ.

އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ބުނާ ކުޑަކަމުދާތަކެތި ނުދިނުމުގެ މައްސަލައިގައި، އަޅުގަނޑަށް ކުޑަކަމުދާތަކެތި ދިނުމަށް ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށް އަންގާފައިނުވާ ވާހަކަ ތަކުރާރުކޮށް ބުނަމެވެ. މިއީ، އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީތީ، ސިޔާސީ ގޮތުން އަޅުގަނޑާ ދިމާކުރުމުގެ ގޮތުން ސަރުކާރުން ކުރާ، އަޞްލެއް ނެތް ދަޢްވާއެކެވެ.

މިފަދަ ކަންކަން މިހެން ދިމާވުމުން، އަޅުގަނޑު ނިސްބަތްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ޝަރްްޢީ ދާއިރާ ހަރުދަނާކޮށް، އެދާއިރާގައި އިދާރީ ގޮތުންނާއި ޝަރްޢީ ގޮތުން މަސައްކަތްކުރަން ތިބި އިސް މީހުންގެ ފެންވަރު ރަނގަޅުކުރަން ކުރާ މަސައްކަތުގެ މުހިންމުކަން މިދަނީ ހާމަވަމުންނެވެ. މިމަސައްކަތް މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދަންޖެހޭކަން މިދަނީ ފެންނަމުންނެވެ.
____________________________________

ޙާމިދު ޢަބްދުލްޣަފޫރު
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު