ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރަން ޖެހޭ

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލާ ހުރިހާ ފަރާތަތައް އަލުން ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ހަވީރު ނެރުނު އިއުލާނުގައި ވަނީ ވޯޓުލާން ރަޖިސްޓްރީކުރެވޭނީ މިއަދު ހަވީރު 4:30 އިން މާދަމާ ހަވީރު 4:30 އަށް ކަމަށެވެ.

މިއަދު އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައި އެ ކޮމިޝަނުން ނެރުނު އިއުލާންގައި ބުނެފައި ވަނީ އިނގިލީގެ ނިޝާނާއެކު އެ ކޮމިޝަނަށް ނުވަތަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ކޮންސިއުލޭޓް އޮފީސްތަކަށް ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ވޯޓުލުމަށް ރަޖިސްޓްރީވާން އެދި ހުށަހަޅަން ޖެހޭނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފޯމެވެ. މި ފޯމު ލިބިވަޑައިގަންނަވާނީ އިލެކްޝަންސް ކޮމިޝަނުންނާއި، ކޮމިޝަނުގެ ވެބްސައިޓުންނާއި ، އެމްޑީޕީގެ މައި އޮފީހުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓުތަކުންނާއި، މާލެ ސިޓީ ޖަންބު ޖަގަހައިންނާއި، މާލެ ސިޓީގައި ހުންނަ ދާއިރާތަކުގެ ޖަގަހަ ތަކުންނެވެ.