އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުގެ ގައްދޫ ދާއިރާގެ މެމްބަރ ޒާހިރު އާދަމް ފުރާވަޑައިގެންނެވުމަށް ހުރަސް އަޅާ ޕާސްޕޯޓް ހިފަހައްޓައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ގައްދޫ ދާއިރާގެ މެމްބަރ ޒާހިރު އާދަމް ފުރާވަޑައިގެންނެވުމަށް ހުރަސް އަޅާ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ރޭގެ ވަގުތެއްގައި މެމްބަރ ޒާހިރު އާދަމް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް އެކަން ހުއްޓުވާ އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ އަތުލާފައިކަމަށް ވިދާޅުވެ ޒާހިރު އާދަމް ވިދާޅުވީ، މިކަމަކީ އެއްވެސް ތާކުން ތާކު ނުޖެހޭ ކަމެއްކަމަށާއި، ޒާހިރު އާދަމަށް އެނގިވަޑައިގެން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލަމުންދާ މައްސަލައެއް ނޯންނާނެ ކަމަށާއި، ޕާސް ޕޯޓް އަތުލީ ކޮން ކޯޓަކުން ކަމެއްވެސް ނޭގޭކަމުގައެވެ. އަދި އެއްވެސް ފަރާތަކުން ޗިޓްެއެއްވެސް ހަވާލު ކުރަން ބޭނުންނަމަ އެއީ ވަރަށް ފަސޭހައިން ވާނެ ކަމެއްކަމަށާއި ، ޗިޓެއް ހަވާލުކުރަން އުޅޭކަމެއް އެނގިވަޑައިގެން ނެތްކަމަށް ވެސް ޒާހިރު އާދަމް ވިދާޅުވިއެވެ. އަދި މި ފަދަކަންކަމަކީ އެމްޑީޕީގެ މެމްބަރުންނަށް ގޯނާ ކުރުމަށް ކުރާ ކަންތައްތައް ކަމަށާއި، އެމްޑީޕީއިން ކުރަމުންގެންދާ އިސްލާހީ މަސައްކަތްތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ހިންގަމުން ގެންދާ އަމަލުތަކެއްކަމަށް ޒާހިރު އާދަމް ފާހަގަކުރެއްވިއެވެ.