އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމް އާއި އިތުރު މެންބަރުން އަނިޔާވެރިކޮށް ހައްޔަރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެންބަރު މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އެމްޑީޕީގެ އިތުރު ޒުވާނުންތަކެއް ރޭ (29 ސެޕްޓެމްބަރ 2013) ބޭއްވުނު ސުލްހަވެރި އިހުތިޖާޖުގައި ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާތީ އެކަން އެމްޑީޕީއިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭ ވޯޓު ދިނުމުގެ ހައްގު، ސަރުކާރުގައި މިވަގުތު ތިބި ފަރާތްތަކުން އިސްވެތިތިބެ ނިގުޅައިގަނެ، އެހައްގުން މަހްރޫމްކޮށްފައިވާތީ، އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ރޭ ބޭއްވުނު އިހުތިޖާޖަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ސުލްހަވެރިކޮށް ކުރިއަށް ދިޔަ އިހުތިޖާޖެކެވެ.
ޑިމޮކްރަސީއެއްގައި ބާރުވެރި ފަރާތަކީ ރައްޔިތުންކަމަށްވާއިރު އެރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުތައް ނިގުޅައިގަތުމުން އެކަމާއި ދެކޮޅު ހެދުމުގެ މިއިހުތިޖާޖު ސުލްހަވެރިކަމާއެކު ކުރިއަށް ދަނިކޮށް ފުލުހުން އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބެރިކޭޑް ޖަހަފައިވަނިކޮށް ބެރިކޭޑްގެ ބޭރުގައި ތިބި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަނެ ޕަރލިމެންޓްރީ ގްރޫޕުގެ މެންބަރު މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕިކަޕްގައި ވާހަކަފުޅު ދައްކަވަނިކޮށް އެބޭފުޅާގެ ފަޔާއި އަތްޕުޅުގައި ގަދަކަމުން ހިފައި ބާރަށް ބިންމައްޗަށް ވައްޓާލައި އަނިޔާވެރިކަމާއި އެކު ހައްޔަރުކުރުމަކީ ރައްޔިތުންގެ ހައްގުތަކަށް މިއަދުގެ ބަޣާވާތުގެ ސަރުކާރުން އަރައިގަންނަމުންދާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ. މީގެ އިތުރުންވެސް އިހުތިޖާޖުގައި ތިބި އެތައް ބަޔަކަށް ފުލުހުން މުގުރުން ތަޅާ އަނިޔާ ކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ. އިދިކޮޅު ފަރާތްތަކުން ޝަރުއީ ނިޒާމް ބޭނުންކޮށް އެފަރާތްތަކުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަމުން ގެންދާނެކަން ހާމަކޮށްފާވާއިރު، މި އަމަލަކީ ރައްޔިތުންނަށް ބިރުދައްކާ، ގާނޫނު އަސާސީއިން ލިބިދޭ މިނިވަންކަން ހަނިކުރުމަށް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެކެވެ.
މިފަދަ ގޮތަކަށް ފުލުހުންގެ އަމަލުތައް ބެހެއްޓި ނަމަވެސް ދިވެހި ރައްޔިތުން ތިބީ ކުޑަކޮށްވެސް ބިރުދެއްކުމަށް ޖާގަދީ، ފަސް ޖެހޭ ގޮތަކަށް ނޫނެވެ. ދެވަނަ ބުރުގެ އިންތިޚާބު ފަސްކޮށް ރައްޔިތުންގެ ވޯޓު ލުމުގެ ހައްގު ނިގުޅައިގަނެފައިވާތީ އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާތައް އަދިވެސް ބާރަށް ކުރިއަށް ދާނެއެވެ. މިފަދަ އަނިޔާވެރި އަމަލުތަކަކުގެ ސަބަބުން ހިތްވަރު އިހުނަށްވުރެ ގަދަވެ، ހައްގުތައް ހޯދުމަށް ނިކުންނާނެކަމާއި މެދު ޝައްކެއް ނެތެވެ.
ރޭގެ ސުލްހަވެރި އިހުތިޖާޖުގައި ހައްޔަރުކުރި ޕަރލިމެންޓްރީ ގްރޫޕުގެ މެންބަރު މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، އިތުރަށް ހައްޔަރުކުރި ފަރާތްތައް ދޫކޮށްލާ، އަސާސީ ހައްގުތަކަށް އަރައިނުގަތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވައިލަމެވެ. އަދި މިފަދަ ގޮތަކަށް އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާތީ އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ބަލައިދެއްވުމަށް ގޮވައިލަމެވެ.

30 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއޭޓް