ސްޕރީމް ކޯޓުން އަލްއުސްތާޛު ޙަސަން ލަތީފާއި އަލްއުސްތާޛާ ހިސާން ޙުސޭނާމެދު އެޅި ފިޔަވަޅު ކުށްވެރިކުރުން

noosbayan

ސްޕްރީމް ކޯޓުގައި ހިގަމުންދާ ރިޔާސީ އިންތިޚާބު ބާތިލުކުރުމާމެދު ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ތަދައްޚުލްވެފައި ވަނިކޮށް މި ޕާރޓީ ތަމްސީލުކުރައްވާ ފަރާތްކަމުގައިވާ އަލްއުސްތާޛު ޙަސަން ލަތީފާއި އަދި މި ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ އަލްއުސްތާޛާ ހިސާން ޙުސެން ޤާނޫނާއި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ސްޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައިވާތީ އެކަން އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އަލްއުސްތާޛު ޙަސަން ލަތީފަކީ އެ މައްސަލާގައި މި ޕާރޓީ ތަމްސީލުކުރެއްވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވަމުންދިއަ ފަރާތެވެ. އަދި އަލްއުސްތާޛާ ހިސާން ޙުސޭނަކީ އެމައްސަލާގައި މި ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމަށް އައްޔަނުކޮށްފައިވާ ވަކީލެވެ. މިއީ ތަފާތު ދެ ޙައިސިއްޔަތެކެވެ. އެހެންވެ މި ޕާރޓީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއްގައި ވެސް ބަޔާންކޮށްފައިވާނީ އެގޮތަށެވެ. އަދި ސްޕްރީމް ކޯޓުން އެ ދެބޭފުޅުންނަށް ފޮނުވަމުން ދިއަ ޗިޓް ތަކުގައި ވެސް ލިޔެފައިވަނީ އެގޮތަށް ފަރަގުކޮށްފައެވެ.

ނަމަވެސް ޤާނޫނާއި ޝަރީޢަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ސްޕްރީމް ކޯޓުން ކުއްލިއަކަށް އެދެބޭފުޅުން ސަސްޕެންޑްކޮށް ފިޔަވަޅުއެޅިކަން އެންގި ލިޔުމުގެ ތެރެއިން، އަލްއުސްތާޛު ޙަސަން ލަތީފަށް ފޮނުވި ލިޔުމުގައި ސްޕްރީމް ކޯޓުން ލިޔެފައިވާ އިބާރާތުގައިވަނީ “ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލު އަލްއުސްތާޛު ޙަސަން ލަތީފަށް މި ކޯޓުގެ ނަންބަރ 2013/SC-C/42 ޤަޟިއްޔާގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ވާހަކަ ދެންނެވީމެވެ” މިފަދައިންކަން މި ޕާރޓީން ފާހަގަކުރަމެވެ. ނަމަވެސް ކުރިން ވެސް ދެންނެވި ފަދައިން އަލްއުސްތާޛު ޙަސަން ލަތީފަކީ މި ޕާރޓީން އެ މައްސަލާގައި ވަކާލާތުކުރެއްވުމަށް އައްޔަނުކޮށްފައިވާ ވަކީލެއް ނޫނެވެ. އެއާ ޚިލާފަށް އެބޭފުޅާއަކީ މި ޕާރޓީ ތަމްސީލުކުރެއްވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވަމުންދިއަ ފަރާތެވެ. މިކަމުން ވެސް ދޭހަވަނީ ސްޕްރީމް ކޯޓުން މި މައްސަލާގައި އެމް.ޑީ.ޕީ އާމެދުގައި ޒާތީ ތަފާތުކުރުންތަކެއް ގެންގުޅެމުންދިއަކަމެވެ އަދި މި ޕާރޓީގެ ފަރާތްތަކާމެދުގައި ފިޔަވަޅު އެޅުމުގައި އަވަސްވެގަތުމަށް މަސައްކަތްކުރުމުގައި ނުބައި ނިޔަތުގައި އެކަން ކުރުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ ލިޔެކިޔުންތަކުން ވެސް އެކަން ރަނގަޅަށް ހާމަވާމިންވަރަށް ތިލަވެފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އަލްއުސްތާޛު ޙަސަން ލަތީފާއި އަލްއުސްތާޛާ ހިސާން ޙުސޭނާމެދު ސްޕްރީމް ކޯޓުން ފިޔަވަޅު އަޅައި ސަސްޕެންޑްކުރި ސަބަބުކަމަށް ސްޕްރީމް ކޯޓުގެ ލިޔުމުގައި ބުނެފައިވަނީ އެ ދެބޭފުޅުން މީޑިއާގައާއި ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަކާ ބެހޭ މައްސަލައެއް ބަލަމުންދާތީކަމަށެވެ. މި ސަބަބާހުރެ އެ ދެބޭފުޅުންނާ މެދު ފިޔަވަޅު އަޅާފައިވާއިރު، މީޑިއާގައާއި ސޯޝަލް މީޑިއާގައާއި މުޅި މުޖުތަމައުގައާއި މުޅި ދުނިޔޭގައި އެފަނޑިޔާރެއް ކަސްބީ އަންހެނުންތަކަކާއެކު ޖިންސީ ގުޅުން ހިންގަމުންދާ ސާފު މަންޒަރު އާންމުވެ މަޝްހޫރުވެފައިވާއިރު، އަދި އެ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބަލަމުންދާކަމަށް އެފަރާތްތަކުން އިޢުލާނުކޮށްފައިވާއިރު، މުސްލިމް އުއްމަތެއްގެ މައްޗަށް އެ ފަނޑިޔާރު ސްޕްރީމް ކޯޓުގެ ބެންޗްގައި ބައިންދައިގެން އެހެން ފަރާތްތަކުގެ މައްޗަށް ސޯޝަލް މީޑިއާގައި ކޮމެންޓެއް ކޮށްފިކަމަށް ބުނެ ފިޔަވަޅު އަޅައި ސަސްޕެންޑްކުރަމުން ދާދިއަމަކީ އިސްލާމީ ޝަރީޢަތަށާއި މިރާއްޖޭގެ ޤާނޫނު އަސާސީއަށް ސްޕްރީމް ކޯޓުން ކުރާ ފުރައްސާރައެއްކަމުގައި މި ޕާރޓީން ދެކެމެވެ.
އެހެންކަމުން މިބާވަތުގެ ނާއިންސާފުން އެއްކިބާވެ، ޖުޑިޝަރީގެ މިނިވަންކަން ނަގަހައްޓައި، ރައްޔިތުން އިތުބާރުކުރުވަނިވި ތަނަކަށް ސްޕްރީމް ކޯޓު ހެއްދެވުމަށް އިޚްލާސްތެރިކަމާއެކު ސްޕްރީމް ކޯޓަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

25 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރޭޓެރިއޭޓް