“ބާރަށް ކުރިއަށް” ކެމްޕެއިން ބައެއް ހަރަކާތްތައް ކުރިއަށް

މާލެ ސިޓީ: “ބާރަށް ކުރިއަށް” މާލެ ސިޓިގެ ދޮރުން ދޮރަށް ހިނގުން މިއަދު(21 ސެޕްޓެމްބަރ 2013 – ހޮނިހިރު) ހެނދުނު10 ކުން ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 10ކުން މއ. ޖަންބު ޖަގަހައިން ފެށި މި ދޮރުން ދޮރަށް ހިނގުން ނިންމާގޮތަށް ހަމަޖެހިފައިވަނީ މިއަދު ހަވިރު 6 ޖަހާއިރުއެވެ. އަދި މުޅި ދުވަހުގެ މި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ މާލެ ސިޓީއާ ގުޅުން ހުރި ޕްރޮގްރާމްތަކުގެ ލީފްލެޓް ބެހުމާއި ރައީސް ނަޝީދަށް ތާޢީދު އިތުރު ކޮށް ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި އެމަނިކުފާނަށް ކުރިން ވޯޓު ނުލާ ފަރާތްތަކާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދޮރުން ދޮރަށް ހިނގުމުގައި މާލެ ސިޓީގެ މަޖިލިސް މެމްބަރުންނާއި، ދާއިރާ ރައީސުންނާއި، ބްލޮކް އޭޖެންޓުންނާއި އަދި ރޯޑް އޭޖެންޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްޑީޕީ ލަންކާ: “ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް” ނަމުގައި އެމްޑީޕީ ލަންކާގެ ފަރާތުން ބާއްވާ އިވެންޓްތަކެއް މިއަދު (21 ސެޕްޓެމްބަރ 2013
ި)އޮންނާނެއެވެ.
މިގޮތުން ހެނދުނު 8:30 ން ހަވީރު 5:30ހަށް ފުޓްސެލް މުބާރާތެއް ބަބަޅަޕިޓިޔަ ފްލެޓްސް ގްރައުންޑުގައި އޮންނާނެއެވެ. މި މުބާރާތުގައި 10 ޓީމު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނައަޕް ޓީމަށް އަގުހުރި އިނާމުތަކެއް ހުށަހެޅުމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ހަވީރު 4:30 ން އިރުއޮއްސި 6:30ހަށް އޮންނާނީ ކުޑަކުދިންނަށް ޙާއްސަކޮށްގެން ބާއްވާ ޕާޓީއެކެވެ. މި ޕާޓީގައި މީރު ކެއުމުގެ އިތުރުން މަޖާ ކުޅިވަރުތައް(ޖަންޕިންގެ ކާސަލް، އާޓް އެގްޒިބިޝަން، މެޖިކް ޝޯ) ފަދަ ކުޅިވަރުތައް ހިމެނޭނެއެވެ.
ހަވީރުގެ އިވެންޓް ނިމިގެން ރޭގަނޑު 7:30ން 10:00އަށް އޮންނާނީ “ޑިނަރ ނައިޓް” އެވެ. މި ޑިނަރ ނައިޓްގައި ލައިވް މިޔުޒިކާއިއެކު “ރައީސް ނަޝީދަށް ތާއީދު ކުރަނީ ކީއްވެ” ނަމުގައި އޯޕަން މައިކް ސެޝަންއެއްވެސް ކުރިއަށްދާނެއެވެ. އަދި މި ސެޝަނަށްވެސް އިނާމު ހުށަހެޅިފައިވެއެވެ.
ކުޑަކުދިންގެ ހަވީރާއި ރޭގަނޑުގެ ޑިނަރ އޮންނާނީ ދެހިވެލަ ޒޫ ކައިރި ހުންނަ ޖަނަޖަޔަ ރިސެޕްޝަން ހޯލުގައެވެ. މިއިވެންޓަތައް ކުރިއަށްދާއިރު ސްރީލަންކާގައި ރައީސް ނަޝީދާއި އެކުނެގި ފޮޓޯތައް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓްތަކުގައި ބައިވެރިވުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ދިވެހީންނަށް ވަނީ ދަޢުވަތު އަރުވާފައެެވެ.

އައްޑޫ ސިޓީ: އެމްޑީޕީގެ “ބާރަށް ކުރިއަށް” އައްޑޫ ސިޓީގެ ހަރަކާތަތުކުގައި ބައިވެރިވެވަޑައިގަތުމަށް ޑީއާރޕީގެ މަޖިލިސް މެމްބަރ ރޮޒެއިނާ އާދަމްއާއި، އެމްޑީޕިގެ ޕާލިއަމަންޓްރީ ގްރޫޕުގެ މެމްބަރ އަޙްމަދު ސަމީރާއި މެމްބަރ މުޙައްދު ރިޔާޒު އަދި ކެމްޕެއިން ޓީމު ވަނީ މިއަދު ހެނދުނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާފައެވެ.

މި ބޭފުޅުން އައްޑޫ ސިޓީއަށް ކުރައްވާ މި ޒިޔާރަތުގައި އެ ސިޓީގެ ހުރިހާ ދާއިރާއެއްގެ އެމްޑީޕީގެ ދާއިރާ އޮފީހަށް ޒިޔާރަތް ކުރައްވާ ކެމްޕެއިން އޭޖެންޓުންނާ ބައްދަލުކުރައްވާނެއެވެ. އަދި މިއަދު ހަވީރު ފޭދޫގައި ކަންމަތީ ބައްދަލުވުން ބާއްވަވާ ދާއިރާތަކުގެ އެމްޑީޕި، ޑީއާރޕީގެ މެމްބަރުންނާއި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ މުޚާތަބު ކުރައްވާނެއެވެ. މީގެ ފަހުން މިރޭ 9 އަކުން ފެށިގެން ހުޅުމީދޫގައި ކަންމަތީ ބައްދަލުވުން ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޓީމުގެ މިފަހަރުގެ ދަތުރު ނިންމަވާ މާދަމާ މާލެވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ފާއިތުވި 2ދުވަހު ވެސް ވަނީ “ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތްތަކެއް ބާއްވާފައެވެ. މި ގޮތުން އިއްޔ ހިތަދޫ އުތުރު ދާއިރާގެ ބާބަކިއު އަކާއި، ހިތަދޫ ދެކުނު ދާއިރާގެ ކެމްޕެއިން އޭޖެންޓުންގެ ހަވީރު ސަޔަށް ފަހު މަރަދޫ ފޭދޫ ވެހިކަލް ބުރެއްވެސް ވަނީ ބާއްވާ އަދި ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސް ވަރަށް ފޯރީގައި ނިންމާފައެވެ. މިއަށްފަހު ރޭގައި ފޭދޫގައި ބޭއްވުނު މިއުޒިކު ޝޯ އެއީ ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ޝޯއެއްކަމަށް ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ.

ނ، ބ، ޅ. އަތޮޅުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރުކުރުމުގެ ހަރަކާތްތައް ބާރަށް ކުރިއަށް އެބަދެއެވެ. މިގޮތުން މިތިން އަތޮޅަށް ހާއްސަ ދަތުރުތަކެއް ބުރާސްފަތި ދުވަހު (19 ސެޕްޓެމްބަރ 2013) ވަނީ ފެށިފައެވެ.

ނ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކެމްޕެއިން ޓީމްގައި އިސްކޮށް އުޅުއްވަނީ ނ.ބ. ޅ. އަތޮޅުގެ ޑެޕިއުޓީ ކޯރޑިނޭޓަރ މާހިރު އީސާއެވެ. ރޭ (20 ސެޕްޓެމްބަރ)ގައި ނ. ހޮޅުދޫގައި ކަންމަތީ ބައްދަލުވުމެއް ބާއްވަވައި އެމްޑީޕީގެ ސަޕޯރޓަރުންނާއި ކެމްޕެއިން ޓީމު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި މިއަދު ނ. ކުޑަފަރީގެ ޓީމެއް ހޮޅުދޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވެމުގެ ހަރަކާތްތަކެއް ކުރިއަށް އެބަގެންދަވައެވެ. އަދި އެއްމެ ބޮޑަށް ފާހަގަ ކުރެވޭ ގޮތުގައި އެރަށުގެ ޒުވާން ޓީމުތަކާއި ރަށުގެ އަންހެންވެރީން އަންނަނީ ގިނަ އަދަދަކަށް އެމްޑީޕީއާއި ގުޅެމުންނެވެ.

ހޮޅުދޫއަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި އެއްރަށެވެ. އަދި ދެވަނަ ބުރުގައި ކުރިން ހޯދި ވޯޓުގެ އިތުރުން 300 ވޯޓު ހޯދައި 700 ވޯޓު ހޯދުމުގެ ޓާގެޓެއްވަނީ އެކަށައަޅައިފައެވެ. ހޮޅުދޫގައި ދޮރުން ދޮރަށް ހިނގުމަށްފަހު ހޮޅުދޫ ކެމްޕެއިން ޓީމް އާއިއެކު ކުޑަފަރީއަށް ހަވީރު ސައި ބުއިމަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސައި ބައްދަލުވުމުގައި އެމްޑީޕީގެ މެނިފެސްޓޯ އާއި ބެހޭ މައުލޫމާތު ދިނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
އެއަތޮޅުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވި ގޮތުގައި ނ. އަތޮޅުގައި އިދިކޮޅު ކެނޑިޑޭޓު އަބްދުﷲ ޔާމީންއަށް އެއްވެސް ސަޕޯރޓެއް ނެތްކަމަށާއި އަދި އެބޭފުޅާއަށް ވޯޓު ދޭން އެއަތޮޅު މީހުން ބޭނުންނުވާކަަމަށެވެ. ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 13 އަހަރު ކުރެއްވިއިރު އަތޮޅަށް އަޅައިނުލައި އިހާނެތިގޮތް ހަދައިފައިވާކަމަށްބުނެ ވޯޓު ނުދޭނެކަން ފާޅުގައި ބުނަމުންދާކަމަށްވެސް ކެމްޕެއިން ޓީމުން މައުލޫމާތު ދެއްވިއެވެ. ދެވަނަ ބުރުގައި %75 ދޭނެކަމަށާއި އަދި ފުރަތަމަ ބުރު ގާސިމް އިބްރާހިމް ބުނެގެން ވޯޓު ދެއްވިޔަސް ދެވަނަ ބުރު ގާސިމް އިބްރާހިމް ބުނެގެންވެސް އަބްދުﷲ ޔާމީންއަށް ވޯޓު ނުދޭނެކަން އެއަތޮޅުގެ ގާސިމުގެ ސަޕޯޓަރުންދަނީ ހާމަކުރަމުންނެވެ.

ބ. އަތޮޅު: ތިން އަތޮޅަށް ކަނޑައަޅައިފައިވާ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ނަސީމްގެ ޓީމުން ހަރަކާތްތެރިވަމުން ގެންދަވައިފައިފައިވަނީ ބ. އަތޮޅު އޭދަފުށި އަދި ދަރަވަންދޫގައެވެ. އެއަށްފަހު މިއަދު ކެމްޕެއިން ޓީމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޅ. އަތޮޅު ނައިފަރު، ހިންނަވަރު އަދި ކުރެންދޫއަށެވެ. ޅ. އަތޮޅުގެ ދަތުރު ނިންމަވާ މާދަމާ (22 ސެޕްޓެމްބަރ) ނަސީމު އަދި ކެމްޕެއިން ޓީމު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ހުރިހާ ރަށަކަށެވެ. ނަސީމު އަރިއަހުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރ ނާޒިމު ރަޝާދުގެ އިތުރުން އަލީ ފާއިޒު އަދި އަތޮޅުގެ ކެމްޕެއިން ޓީމު ހަރަކާތްތެރިވެއެވެ.

ބ. ޅ. އަދި ނ. އަތޮޅުގެ މި ޓީމުތަކުންވެސް ވަޑައިގަންނަވާ ރަށްތަކުގައި އެމްޑީޕީއަށް ކުރިއަށްވުރެ ތާއީދު އިތުރުު ކުރުމަށް ދޮރުން ދޮރަށް ހިނގުން އެއީ އެއްމެ މައިގަޑި މަސައްކަތްކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި ޢާއްމު ކަންމަތީ ބައްދަލުވުން ބާއްވާ ރަށް ރަށުގެ އިސް ހަރަކާތްތެރިންނާއި ވަކި ވަކިން ބައްދަލުކުރުންތައް ދަނީ ބާއްވަމުންނެވެ.

ގއ ގދ އަތޮޅުގެ ކެމްޕެއިން ދަތުރުގައި އިއްޔެވަނީ ކޮލަމާފުށި، ރަތަފަންދޫ އަދި ވިލިގިއްޔަށް ޒިޔާރަތްކޮށްފައެވެ. މި 3 ރަށުގައިވެސް ކަންމަތީ ބައްދަލުވުން ބާއްވާ ދޮރުން ދޮރަށް ހިނގާ ރައީސް ނަޝީދަށް އިންތިޚާބުގެ 2ވަނަ ބުރުގެ ތާއީދު އިތުރުކުރުމަށް އެމްޑީޕީނޫން އެހެން ޕާޓީތަކުގެ ބޭފުޅުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

އއ. އަތޮޅު: އަތޮޅުގެ މަތިވެރި ދާއިރާއަށް ކެމްޕެއިން ޓީމުން މިހާރު ކުރާ ދަތުރުގައި އިއްޔެ އެއްމެ ފުރަތަމަ ޒިޔާރަތް ކުރީ ހިމެންދޫ އަށެވެ. އެއަށްފަހު މާޅޮހުގައި ރޭގަޑުގައި ކެމްޕެއިން ހަރަކާތްތައް ބާއްވަވާއި މިއަދު ހެނދުނު ފުރަތަމަ ޒިޔާރަތްކުރިީ ފެރިދޫއަށެވެ. އަދި މިހާރު ކެމްޕެއިން ޓީމު ހަރަކާތްތެިރިވަނީ މަތިވެރީގައެވެ.
މަތިވެރިދާއިރާގެ ރަށްތަކުގައި އިއްޔެއާއި މިއަދު ކުރިޔަށް ދާ ކެމްޕެއިން ހަރަކާތުގައި ދޮރުން ދޮރަށް ހިނގުމާއު ކަންމަތީ ބައްދަލުވުންތައް ބާއްވާ ދޮރުން ދޮރަށް ހިނގާ ރައީސް ނަޝީދަށް ވޯޓު އިތިރު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިޓީމުގެ އިސް ހަރަކާތް ތެރިންގެ ތެރޭގައި ކެމްޕެއިން ކޯޑިނޭޓަރުންނާއި، އެމްޑީޕިގެ ޕާލިއަމަންޓްރީ ގްރޫޕުގެ މެމްބަރ މުޙައްމަދު ރަޝީދު (މޯޑު)އާއި އަންހެނުންގެ ރޫޙުގެ ޓީމަކާއި އަދި ދާއިރާގެ ކެމްޕެއިން ހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އދ. އަތޮޅު: އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރ ޢަލީ ވަޙިދު އަދި ކެމްޕެއިން ޓީމު އދ. އަތޮޅުގެ ދަނގެތި، ދިގުރަށް އަދި ދިއްދޫއަށް ފުރާވަޑައިގަތްފައިވަނީ އިއްޔެއެވެ. އަދި އިއްޔެ އެއްމު ފުރަތަމަ ދަނގެއްޗަށް ވަޑައިގަތް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ދިގުރަށަށް ވަޑައިގެން އަންހެނުންގެ ހަރުގެއެއް ވަނީ ހުޅުއްވައިދެއްވާފައެވެ. އަދި އެއަށް ފަހު ވަކި ވަކި ފަރުދުންނާއި ބައްދަލުކުރައްވާ އެމްޑީޕީއަށް ވޯޓޫ ދޭންވި ސަބަބުތައް ކިޔުއްވައިދެއްވައިފައިވެއެވެ. އަދި މިހާރު މި ޓީމު ހަރަކާތްތެރިވަނީ މިދަތުރުގެ އެއްމެ ފަހުރަށް ދިއްދޫގައެވެ.

ރ. އަތޮޅު: ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި ޑީއާރޕީގެ މަޖިލިސް މެމްބަރ ވިޝާމް އަލީ ރ. އަތޮޅަށް ފެއްޓެވި “ބާރަށް ކުރިއަށް” ކެމްޕެއިން ދަތުރުފުޅުގައި ބުރާސްފަތި ދުވަހާއި ރޭގަނޑު އުޅުއްވީ ރ. އަތޮޅު މީދޫގައެވެ. އެއަށްފަހު ހުކުރު ދަވަހު ޒިޔާރަތް ކުރެއްވީ މަޑުއްވަރީއަށެވެ. މީދޫ މަޑުއްވަރީގައި ދޮރުން ދޮރަށް ހިންގަވާ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ރައީސް ނަޝީދަށް ތާޢީދު އިތުރުކުރުމަށް ކެމްޕެއިންވަނީ ކުރައްވާފައެވެ. މިގޮތުން ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ވޯޓު ނުލާ ފަރާތްތަކާއި ބައްދަލު ކުރުންވަނީ ކުރިއަށް ގެންދަވާފައެވެ. މި ބޭފުޅުން ގެ 2 ދުވަހުގެ ދަތުރުފުޅު ނިންމަވާ މިއަދު ހަވީރު 5ޖަހާއިރު މާލެވަޑައިގަންނަވާނެއެވެ.