ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ އޮއިވަރުގައި ޖެހި ހުއްޓާލަން ޖެހިއްޖެ

31 އޯގަސްޓް 2010

majlis-mdp-450-x-301

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލުގެ ރިޕޯޓްގެ ބަހުސްގެ މަރުހަލާނިލި ބިލަށް މެންބަރުން ހުށަހެޅި އިޞްލާޙުތަކަށް ވޯޓަށް އަހަމުންދަނިކޮށް މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލި ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވި ޖަލްސާ ހުއްޓާލަންޖެހިއްޖެއެވެ.
ރޭގެ ޖަލްސާ ނިންމާލި އިރު ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވާ 2 ނަންފުޅު ދިރާސާކުރުމަށް ހޮވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު އެރިޕޯޓަށް ބަހުސްނިމި ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކޮށް އެކުލަވާލިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު، އެރިޕޯޓަށް ބަހުސްނިމި ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން މީގެން އެއްވެސް ކަމަކަށް ރޭގެ ޖަލްސާގައި ވޯޓަށް އަހާފައެއްނުވެއެވެ.

ރޭގެ ޖަލްސާގައި ވޯޓުގެ ވަގުތުގައި ވޯޓަށް ހަމައެކަނި އަހާފައިވާ ބިލު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހުން ބަލައިގަތުމަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން މިބިލް އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

70 މެންބަރުން ހާޒިރުވެވަޑައިގެންނެވި ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.