އެމް.ޑީ.ޕީއިން އިންތިޚާބާ ބެހޭ ކޮމްޕްލެއިންޓްސް ކޮމިޓީއެއްވަނީ އެކުލަވާލާފަ

މި ސެޕްޓެމްބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން އެމް.ޑީ.ޕީ ގެ ކޮމްޕްލެއިންޓްސް ކޮމިޓީއެއްވަނީ އެކުލަވާލާފައެވެ. މިކޮމިޓީގެ އޭޖެންޓަކު މި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓާ ކޮންމެ ސަރހައްދެއްގައި ހުންނާނެއެވެ. މި ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވުމަށް ގުޅުއްވާނީ 7431496 އަށެވެ.

އެމް.ޑީ.ޕީގެ މިކޮމިޓީއަކީ ޕާޓީގެ ފަރާތުން އިންތިޚާބާއި ގުޅިގެން ޝަކުވާއެއްވާނަމަ އެ އެޝަކުވާއެއް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅުމާއި އަދި އެބިއުރޯއިން އެކަމާއިމެދު ފިޔަވަޅު އަޅުއްވާތޯ ބަލާނެ ކޮމިޓީއެކެވެ.

އެމް.ޑީ.ޕީގެ އިންތިޚާބާއި ބެހޭ ކޮމްޕްލެއިންޓްސް މިކޮމިޓީގެ ފަރާތުން، 22 އޮގަސްޓް 2013 ދުވަހުންފެށިގެން 4 ސެޕްޓެމްބަރު 2013 ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯ އަށް 15 މައްސަލައެއް ހުށަހަޅާފައިވާނެއެވެ. ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އެހެން ކެންޑިޑޭޓުންގެ ފަރާތުން:

އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިްން ހަރަކާތްތަކަށް ގަދަބާރުބޭނުންކޮށްގެން ހުރަސް އެޅުމާއި
އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދައްކާ މަރުގެ އިންޒާރު ދިނުމާއި،
އެކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްކުގައި ޕޮލިސްކޮމިޝަރުގެ މަޤާމުގައި ހުންނެވިބޭފުޅާ އާއި އަދި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވުމާއި،
ވޯޓު ހޯދުމަށް ރިޝްވަތު ދިނުމާއި،
އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓުގެ އަބުރަށް އުނިކަން ލިބިދޭފަދަ ވާހަކަފެތުރުމާއި އަދި ވަކިން ޚާއްސަކޮށް ‘ލާދީނީ’ މިބަސް ބޭނުންކުރުމާއި، އަދި
މީހުންގެ މަރުގެ ތުހުމަތު އެޅުވުން ފަދަ ކަންކަމާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަށް ހިމެނެއެވެ.
މިދެންނެވި ކަންކަމަކީ، ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013 އާއި ކަނޑައެޅިގެން ޚިލާފު އަމަލުތަކެކެވެ.

އެމް.ޑީ.ޕީގެ މިކޮމިޓީގެ ފަރާތުން މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 2 މައްސަލައަކަށް އިލެކްޝަންސްގެ ކޮމްޕްލެއިންޓްސް އެބިއުރޯއިން ވަނީ ޖަވާބުދެއްވާފައިވެއެވެ.
އޭގެ ތެރެއިން އެއްމަސަލައަކީ، ޅ. ނައިފަރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބައެއް ފުލުހުންނަށް ކައްޔަށް ދިނުމަށް ހަމަޖެހިފައި އިމާރާތަކަށްވުމުން އެއީ އިންތިޚާބާ ބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ކަމެއްކަމަށެވެ. އިލެކްޝަންސް ކޮމިޝަން ގެ ބިއުރޯއިން މި ދެންނެވި ވޯޓުފޮށި އެހެންތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަނީ އަންގަވާފައެވެ.
ބިއުރޯއިން ޖަވާބު ދެއްވާފައިވާ އަނެއްމައްސަލައަކީ، މިހަރު ރައިސުލްޖުމްހޫރިއްޔާމަކުގެ މަޤާމަށް އަރާވަޑައިގެން ހުންނެވި، މުހައްމަދު ވަޙީދު ހަސަންމަނިކުގެ އަނބިކަބަލުން އިލްހާމް ހުސައިން މ. އަތޮޅު މުލަކުގެ ސްކޫލަށް -/100000ރ. (އެއްލައްކަ ރުފިޔާ) ހަދިޔާކުރެއްވި މައްސަލައެވެ. ބިއުރޯއިން ދެއްވާފައިވާ ޖަވާބަކި މިމައްސަލަ އަކީ ރިޔާސީ އިންތިޚާބު 2013 ގެ ގަވާއިދުގެ 28 ވަނަނމާއްދާ (ހ) ގެ 5 އާއި 14 ގައި ބަޔާންކޮށްފައިވާ މިންގަނޑަުތކާއި ޚިލާފު ކަމެއްކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެމް.ޑީ.ޕީގެ އިންތިޚާބާ ބެހޭ ޝަކުވާ ކޮމިޓީ ގެ ފަރާތުން އުއްމީދުކުރަނީ، ބާކީ ހުރިމައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން ގެ ކޮމްޕްލެއިްންޓްސް ބިއުރޯއިން އަވަސް ފުރުސަތެއްގެތެރޭގައި، އެކަށީގެންވާ ފިަޔަވަޅު އަޅުއްވާނެކަމަށެވެ.