ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރުކަމުން ޔާމީން އިސްތިއުފާދިނުމަށް މޫސަ ގޮވާލައްވައިފި

24 އޯގަސްޓް 2010

reeko-moosa

ރައްޔިތުންގެ މަޖިލީހުގައި އޮންނަޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުޤައްރިރުކަން ކުރައްވާ، ޕީއޭގެ ރައީސް އަދި މުލަކުދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، ރިޝްވަތާއި ކޮރަޕްޝަނުގެ ތުހުމަތުގައި ޔާމީން ތަޙްޤީގަށް ހައްޔަރުކުރިފަހުން އޭނާ ކެނޑިނޭޅި ސިފައިންނާއި ފުލުހުންގެ މުޥައްސަސާގެ އަގުވައްޓާލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ” ބަދަލު ހިފުމުގެ ރޫހެއްގައި އެމްއެންޑީއެފް އާއި ޕޮލިސް ފަހާދުވުމަށް ޔާމީން ކުރާ މަސައްކަތް ދުވަހަކުވެސް ކާމިޔާބު ނުވާނެ” ކަމަށެވެ.
ރާއްޖެއަށް ބޭރު ބަޔަކު ހަމަލާދޭން އުޅޭ ކަމުގެ އިންޒާރު ދީފައިވާ ގޮތްނޭނގޭ ސިޓީއެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފްމެން ގެއަށް ލިބިފައިވާ ކަމަށް ވިދާޅުވެ، އެސިޓީގެ ޙަޤީޤަތް ނުބަލާ ޤައުމީ ދިފާޢި ބާރުގެ ބޭފުޅުންނާއި ފުލުހުންގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ގެންދަން އެއުޅެނީ އެ ދެ މުޥައްސަސާގެ އަގު އެއް ގޮތަކުން ނުވެއްޖިއްޔާ އަނެއްގޮތަކުން ވައްޓާލުމުގެ މަކަރުވެރި ރޭވުމުގެ ދަށުން. އެއީ ޔާމީން ހަސަދައެއް ފިލުވާލަންކުރަން އުޅޭކަމެއް.” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ޤަބޫލުކުރާ ގޮތުގައި އިރުއިރުކޮޅުން ފުލުހުންނާ ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް،ޤައުމީ ދިފާޢީ ބާރާއި ފުލުހުންނާ މެދު ރައްޔިތުންގެ މެދުގައި އިތުބާރުކުޑަކޮށް އެދެ މުޥައްސަސާ ނިކަމެތިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެކި މަސައްކަތްކުރަމުންދާ ކަމަށާއި، މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައްކޮށް، ދިވެހިރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރަންތިބި ސިފައިންނާއި ފުލުހުންނާމެދު އިހާނެތިކޮށް ކަންތައްކުރަމުންދާތީ މިހާރުން މިހާރަށް ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުޤައްރިރު އިސްތިއުފާދެއްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ ރާއްޖެއަށް އުދުވާނީ ހަމަލާއެއްދޭން އުޅޭކަމަށް ފެތުރިފައިވާ އަޑާއި ގުޅިގެން އެފަދަ ކަމަކުން ދިވެހިރައްޔިތުން ސަލާމަތްކޮށްދޭންތިބި ސިފައިންޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހާޒިރުކުރަން އަދި ނުޖެހޭ ކަމަށާއި، އެ ދެ މުޥައްސަސާގެ ވެރިން އެކޮމިޓީއަށް ހާޒިރުކުރަންޖެހޭނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއްގައި އެބޭފުޅުން އިހުމާލުވެފައިވާކަމަށް މަޖިލީހަށް ފެނިއްޖެ ހިނދެއްގައި ކަމަށެވެ. އަދި މިއަދު އޮތް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި މިމައްސަލައާމެދު ކުރެވުނު ބަހުސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހެޅުއްވި ނަމަވެސް ކޮންމެ ކޮޅަކަށް 5 ވޯޓުލިބުމުން ކޮމިޓީގެ މުޤައްރިރު ވޯޓުދީގެން އެހުށަހެޅުން ފާސްކޮށްފައިނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” ކޮމިޓީ ބައްދަލުވުމުގަ އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް މެންބަރު އިބުރާހީމް މުޙައްމަދު ޞޯލިޙް ހުށަހެޅުއްވި، މިކޮމިޓީއަށް ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުން ހާޒިރުކުރެއްވުމުގެ ބަދަލުގައި އެމުޥައްސަސާއިން މި ކިޔާ އުދުވާނުގެ މައްސަލަ ދިރާސާކުރައްވައި، އިންސާފުކުރެއްވުމަށްފަހު މަޖިލީހަށް ރިޕޯޓެއް ހުށަހަޅަން. އެކަމަކު ޔާމީން އެ ހުށަހެޅުން އެއްވަރުވީމަ ފޭލިކޮށްލީ އޭނަގެ ވޯޓުގެ ބެނުންކޮށްގެން.އޭގެ ފަހުން ޑީއާރުޕީއާ ޕީއޭ އިން ހުށަހެޅި ހުށަހެޅުން ފާސްކޮށް އެކޮމިޓީއަށް ސިފައިންގެ އިސްބޭފުޅުން ގެންނަ ގޮތަށް ނިންމީ. މިސަބަބުތަކަށްޓަކައިވެސް ޔާމީން އިސްތިޢުފާދޭންޖެހޭ. ޔާމީން މިކުރަން އުޅޭ ކަމަކީ ފުލުހުންނާ ސިފައިންގެ ވެރިންނަކީ އަމުރަށް ނުކިޔަމަންތެރިވާ ބައެއްކަން އެދެމުޥައްސަސާގެ ބޭފުޅުންނަށް ދައްކައިގެން އެބޭފުޅުންގެ ގަދަރު ދިވެހި ފުލުހުންނާ ސިފައިންގެ ތެރޭގައި ކުޑަ ކުރުމަށް މަސައްކަތް ކުރުން. އެކަމަކު ޔާމީނަށް އަޅުގަނޑު ހަނދާންކޮށްދެން ފުލުހުންނާ ސިފައިންގެ އިސްވެރިންނަކީ ދިވެހި ސަރުކާރުގެ ވެރިންނަށް ފުރިހަމަޔަށް ކިޔަމަންތެރިވެލައްވާ އަދި އިޙްތިރާމްކުރައްވާ އިޚްލާޞްތެރިވެރިންކަން.” މޫސަ ވިދާޅުވިއެވެ.