ބަޣާވާތާއި ގުޅޭގޮތުން ލީކުވެ ހާމަވެފައިވާ އެގްރީމެންޓާއި ބެހޭ މައްސަލަ އެމްޑީޕީއިން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށައަޅައިފި

ބަޣާވާތާއި ގުޅޭގޮތުން މިހާރު އާންމުންނަށް ލީކުވެ ހާމަވެފައިވާ އެގްރީމެންޓާއި ބެހޭ މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްއަށް މިއަދު (4 ސެޕްޓެމްބަރ 2013) ހުށައަޅައިފިއެވެ. އެމްޑީޕީއިން މިމައްސަލަ ހުށައެޅީ ބަޣާވާތުގެ އެގްރީމެންޓާއި ހެއްކާއި އެކުއެވެ.

އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސޮއިކޮށްފައިވާ އެގްރީމެންޓްގައި ރައްޔިތުންގެ ވެރިކަން ފުރޮޅާލައި، ވެރިކަމުގެ މައްޗަށް ގަދަވެގަންނާނޭގޮތް ރާވައިފައިވެއެވެ. ގާނޫނު އަސާސީ އަދި ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އަމަލުތަކެއް ހިންގައި ބަޣާވާތް ކުރުމަށް ރާވައިފައިވާ މިއެގްރީމެންޓްގައި ފުލުހުންނާއި ސިފައިންގެ ތެރެއިން އޭރުގެ އިދިކޮޅު ފަރާތްތަކަށް ބައިއަތު ހިފުމަށް މަދު ބަޔަކު ތައްޔާރަށް ތިބިކަންވެސް ހާމަވެގެންދެއެވެ. ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ރޭވުމަށްފަހު އިދިކޮޅު ފަރާތްތަކުން ބާރާއި އަނިޔާވެރިކަން އިސްކުރުމަށްފަހު ރައްޔިތުން އިންތިޚާބުކުރި ވެރިކަން ވަނީ ވައްޓާލައިފައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަނާޅައި ޕްރޮސެކިއުޓަރ ޖެނެރަލްއަށް ހުށައަޅަން ޖެހުނީ ފުލުހުންގެ އިސްވެރިންގެ ތެރޭގައި މިބަޣާވާތުގައި ބައިވެރިވެފައިވާ މީހުން ތިބުމާއެކު، އެމްޑީޕީއިން މިއަދު ހުށައެޅި ބަޣާވާތުގެ އެގްރީމެންޓްގެ މައްސަލަ ނުބަލާނެތީއެވެ. ޖިނާއީ ތަހުގީގު ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަމުރުކުރުމުގެ ބާރާއި އަދި ތަހުގީގުތައް ހިންގަމުންދާ ގޮތް ބަލާހެދުމުގެ ބާރު ގާނޫނު އަސާސީއިން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާއިރު، އެމަނިކުފާނުގެ ޒިންމާ އުފުއްލެވުމަށް އެމްޑީޕީއިން ފޮނުވި ސިޓީގައި އެދިފައިވެއެވެ.

ރައްޔިތުންގެ ވެރިކަމެއް ނުހައްގުން ފާޅުގައި ވައްޓާލުމުގެ ސަބަބުން ދިވެހި ރައްޔިތުން ދަނީ އެކަމުގެ ހިތިކަން ތަޖުރިބާކުރަމުންނެވެ. އެހެންކަމުން އެކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްގު އަދަބު ދެވެންޖެހޭކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މިއަދު ހުށައެޅިގެންދިޔަ މައްސަަލަައިގައި، ގާނޫނު އަސާސީއިން ލާޒިމްކޮށްފައިވާ ޒިންމާ އެއޮފީހުން އަދާކުރޭތޯ އެމްޑީޕީއިން ދާނީ ގާތުން ބަލަމުންނެވެ. އެއޮފީހުގެ މައްސޫލިއްޔަތު އަދާކުރެވިއްޖެނަމަ ބަޣާވާތުގެ ބައިވެރިންނަށް ލިބެންޖެހޭ އެކަށޭނަ އަދަބު ލިބޭނެކަމާއިމެދު ޝައްކެއްނެތެެވެ.