އިންތިޚާބާއި ގުޅޭ އިތުރު ޝަކުވާ އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ އިތުރު2 ޝަކުވާއެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޔާސީ އިންތިޚާބަށް ކަނޑައަޅައިފައިވާ “ކޮމްޕްލެއިންޓްސް ކޮމިޓީ”އިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. މިގޮތުން މިއަދު ޝަކުވާގެ ގޮތުގައި ހުށައެޅިފައިވާ މައްސަލަތަކަކީ، ޤައުމީ އިއްތިޙާދު ޕާޓީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އަނބިކަބަލުން އިލްޙާމް ހުސެއިން މ. އަތޮޅު މުލަކު ސްކޫލަށް 100،000ރުފިޔާ ހަދިޔާކުރި މައްސަލައާއި އިލެކްޝަންސް ކޮމިޝަނުގެ މުއައްޒިފަކު ށ.މާއުނގޫދޫގައި ޕީޕީއެމްއަށް ކެމްޕެއިން ކުރަމުންދާ މައްސަލައެވެ.

ރިޔާސީ އިންތިޚާބުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ހ)ގައި ވާގޮތުން “ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް މަސައްކަތް ކުރުމުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ” ކަމަށް ބުނެފައިވާ ހިނދު އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ހުށަހެޅިފައިވާ ޝަކުވާތައް ތަހުގީގުކޮށް ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ އިންތިޚާބާއި ޝަކުވާތައް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލައި ޕާޓީއަށް ހުށައެޅޭ މައްސަލަތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި މިނިވަން އިންތިޚާބަކަށް ހަދައި ރައްޔިތުންނަށް ލިބޭ ވޯޓު ދިނުމުގެ ހައްގު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ އެމްޑީޕީގެ އަމާޒެކެވެ.