އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ނަޝީދު ޕާޓީގެ މެނިފެސްޓޯ މިއަދު އިފްތިތާހު ކޮށްދެއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ޕާޓީގެ މެނިފެސްޓޯ މިއަދު (24 އޮގަސްޓް 2013) ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގެ އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު ބޭއްވުނު މެނިފެސްޓޯ ޕެރޭޑަށްފަހު އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މިދިޔަ 10 އަހަރު ދިވެހިންނަށް ނުހަނު ގިނަ ފިލާވަޅުތަކެއް ލިބި ތަރައްގީއަކީ ކޮބައިކަމާއި ތަރަައްގީގައި ބައިވެރިވެވޭނެ ނިޒާމެއް ވަނީ ދިވެހިން ހޯދައިފައެވެ. ހަމައެހެންމެ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމް އެއީ ފަރުދީ މިނިވަންކަމާއި ރައްޔިތުމީހާ ތަރައްގީގައި ބައިވެރިވުމަށް ބާރު އެޅޭ ނިޒާމު ކަމަށް ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި ޕާޓީތަކުގެ ބޭނުމަކީ ރައްޔިތުންނަށް ތަރައްގީއާއި ތާހިރު ދިރިއުޅުމެއް ހޯދައިދިނުމެވެ.

ރައީސް ނަޝީދު ވިދާޅު ވިގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ހުށަ އަޅަނީ ސިޔާސަތުތަކަކީ އެ ސިޔާސަތުތައް ތަންފީޒުވުމުން ރައްޔިތުންގެ އިހުސާސުތަކާއި ބޭނުންތައް ފުދޭނޭ ފަަދަ ސިޔާސަތުތަކެކެވެ. އަދި މިމެނިފެސްޓޯއަކީ ހިސާބުކުރެވި ބަޖެޓު ކުރެވިފައިވާ މެނިފެސްޓޯއެއްކަމަށް ފާހަގަކުރައްވަމުން މިއަދު އާއްމު ކުރި އެމްޑީޕީގެ ދެވަނަ މެނިފެސްޓޯ އަކީ ތާހިރު ދިރިއުޅުމެއް ހޯދައި ދިނުމުގެ ދެލި ކޮޕީއެއް ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމައެހެންމެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތައް އެނގިލައްވާކަމަށާއި މިސިޔާސަތު ތަކަކީ އޭގެ މައްޗަށް އިލްމީ ދިރާސާކޮށް އެމައްސަލަތައް ހައްލުކުރުމަށް އެމްޑީޕީއިން ތަންފީޒުކުރާނޭ ސިޔާސަތު ތަކެއްކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޓެކްސްގެ ނިޒާމުގެ ތެރެއިންނާއި ކުރެވޭ އިންވެސްޓްމެންޓު ތަކުގެ ސަބަބުން ދައުލަތައް 72 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނޭ ކަމުގެ ޔަގީންކަން ރައީސް ނަޝީދު އަރުވަމުން ތަރައްގީގެ 137 ޕްރޮގްރާމް ތަންފީޒު ކުރެވޭނޭކަމަށްވެސް ހާމަކުރެއްވިއެވެ. އެހެން ޕާޓީތަކުން ވަނީ ސިޔާސީ ޕާޓީތަކުން ވާފަދަ ވައުދުތައް ނޫންކަމަށް ފާހަގަކުރައްވަމުން އިންތިހާބާ އެމްޑީޕީން ކުރިމަތި ލަނީ ހުސް ވައުދުތަކަކާ އެކު ނޫންކަން ފާހަގަކުރެއްވިއެވެ. ހިސާބު ނުކުރެވޭ އެންމެ ޕްރޮގްރާމެއްވެސް މި މެނިފެސްޓޯގައި ނުވާނެކަމަށާއި މަޖިލީހަށް މާދަން ބަޖެޓު ހުށައަޅަން ޖެހުނު ކަމުގައިވިޔަސް އެމްޑީޕީއިން ތިބީ ތައްޔާރަށް ކަމުގެ ޔަގީންކަން އެމަނިކުފާން އެރުވިއެވެ.
މިއީ ހިސާބު ކުރެވި ބަޖެޓު ކުރެވިފައިވާ މެނިފެސްޓޯ އެއްކަން ފާހަގަކުރައްވަމުން މިމެނިފެސްޓޯ އަކީ 51000 ވަޒީފާގެ ފުރުސަތާއި، 120 މިލިޔަން ރުފިޔާގެ މަތީ ތައުލީމުގެ ސޭވިން ސްކީމަކާއި، 118 މިލިޔަން ރުފިޔާގެ ސްޓޫޑެންޓް ލޯން ސްކީމާއި އަދި 20000 ފްލެޓް ރައްޔިތުންނަށް މިލްކުކޮށްދޭ މެނިފެސްޓޯ އެއްކަން ހާމަކޮށްދެއްވިއެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތު އެމްޑީޕީއަށް ވުރެ ބޮޑަށް އިނގޭނޭ ބަޔަކު ނުތިބޭނެ ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ދައުލަތުގެ ދަރަނި ހުރީ ކަންބޮޑުވާ މިންވަރުގައެވެ. ދައުލަތުގެ ދަރަނި ގައުމުގެ އުފެއްދުންތެރިކަމުގެ %82 ޔަށް އަރާފައިވާ ހިނދު ވިސްނާ ނުލާ އެންމެ ފިޔަވަޅެއްވެސް އަޅާނެ ޖާގަ ދެނެއް ނެތްކަމަށް އެމަނިކުފާނު ނަސޭހަތްތެރި ވިއެވެ.

އެމްޑީޕީގެ 3 އަހަރުގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ނިޒާމް ތައާރަފް ކުރުން ކަން ފާހަގަ ކުރައްވަމުން، އިންތިހާބުކުރެވުނު ދައުލަތުގެ 7 ބިލިޔަން ރުފިޔާގައި ހުރި އާމްދަނީ މިއަހަރު 12 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމުގައި މީރާ އިން ލަފާކުރާ ކަމަށް ރައީސަ ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީގެ ދެވަނަ ދައުރެއްގައި ޓެކްސްގެ ނިޒާމް ދަމަހައްޓާ، ވިޔަފާރީގެ ފައިދާއިން ނަގަމުން އަންނަ ޓެކްސް އިތުރުނުކޮށް ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އިންކަމް ޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީ އިން ނެގޭ ޓެކްސް އިރާދަކުރެއްވިއްޔާ ތައާރަފް ކުރއްވާނެކަމުގެ ޔަގީން އަރުވައިފައެވެ.

ދައުލަތުގެ ދަރަނީގެ މިންވަރު ހައްލު ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، އެމްޑީޕީއިން ހިސާބުކޮށްފައިވަނީ 5 އަހަރުގެ ތެރޭގައި ބަޖެޓު މެނޭޖު ކުރެވޭ ވަރުވެ، 5 އަހަރު ނިމޭ އިރު ބެލެންސް ބަޖެޓެއް ހުށަ އެޅުމަށް ކަމަށެވެ.

30 ބިލިޔަން ރުފިޔާ ތަރައްގީއާއި ގުޅިފައިވާ މަޝްރޫއު ތަކަށް ކަނޑައަޅާފާވާ ކަމަށާއި ޕާޓީން ހުށައަޅަނީ 5 ބާވަތެއްގެ ތަރައްގީގެ މަސައްކަތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއްކަމަށް ހާމަކުރައްވަމުން ގައުމު ބިނާކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވިއެވެ.

އަމިއްލަ ވިޔަފާރި ތަރައްގީ ވުމުން ދައުލަތައް ވަންނަ ޓެކްސް ގެ އާމްދަނީ އިތުރު ވާނެ ކަމަށް ފާހަގަ ކުރައްވަމުން އެމްޑީޕީގެ ވިސްނުމަކީ ޕަބްލިކް-ޕޮރައިވެޓް ޕާރޓްނަޝިޕްގެ އުސޫލުން ތަރައްގީއާއި ގުޅުން ހުރި ކަންތައްތައް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ތަރައްގީގެ ބޭންކެއް ގާއިމްކުރުމަކީ ކޮންެމެހެން މުހިއްމުކަމެއް ކަމަށް ވިދާޅުވެ ދައުރުގެ ފުރަތަމަ އަހަރު ބޭންކު ގާއިމުކޮށް 1 ބިލިޔަން ރުފިޔާގެ ކެޕިޓަލް ހަމަޖައްސާދެއްވާނެކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.

ހިސާބުކުރެވުނު ބަޖެޓުގައި 13 ބިލިޔަން ރުުފިޔާ އިޖްތިމާއީ ދާއިރާތަކަށް ހަމަޖައްސަވައި ދެއްވައި، މަހަކު އާމްދނީގެ ގޮތުގައި 000،30 ރުފިޔާ އަށް ވުރެ މަދުން ލިބޭ ބޭބޭފުޅުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ޕްރޮގްރާމުގެ ދަށުން އެހީ ތެރިކަން ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބޭނުމަކީ މުއްސަނދިންނާއި ފަގީރުންނާއި ދެމެދުގައިވާ ފަރަގު ކުޑަކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމެއްގެ ހަގީގީ ބާރު ދެމި އޮންނާނީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާގެ މައްޗައްކަމަށް ފާހަގަ ކުރައްވަމުން ގައުމުގައި ރައްކާތެރި އަދުލުވެރި ވެއްޓެއް ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކޮށްގެން ކަމަށް ރައީސް ނަޝީދު ހާމަކުރެެއްވިއެވެ.އަދި މިގައުމުގައި އަމަން ނަގާލުމަށާއި ކަރަޕްޝަނާއި ހިޔާނާތައް ދޫކޮށް ނުލާ ހެޔޮ ވެރިކަމެއް ކޮށްދޭނެކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް 14 ދުވަހަކީ ދިވެހި ރާއްޖޭގެ ތާރީހުގައި ދެކޭނެ އެންމެ މުހިއްމު 14 ދުވަސް ކަމަށް ވިދާޅުވެ ރައްޔިތުން ވޯޓް ދޭނީ، އަނިޔާޔާ ދެކޮޅަށް އިންތިހާބުވީ ސަަރުކާރެއް ގާއިމްކުރުމަށް ކަމަށް އެމަނިކުފާން ހާމަކުރެއްވިއެވެ. އަދި ސެޕްޓެމްބަރު 7 ގައި ލާ ވޯޓަކީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ގެއްލުނު ތަރައްގީ އަނބުރާ ހޯދަން ލާ ވޯޓެއް ކަމަށް ފާހަގަ ކުރައްވާ އެމްޑީޕީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް ރައީސް މުހައްމަދު ނަޝީދު ޔަގީންކަން އެރުވިއެވެ.