ބައެއް މީޑިޔާތަކުން ސިޔާސީ ފަރާތްތަކުގެ އަބުރު ނަގާލަން މަސައްކަތްކުރާއިރު އެމްޖޭއޭ ހަނު އޮންނާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވެއްޖެ

21 އޯގަސްޓް 2010

– ރާމިޒް –

moosa-alhaan-jalsaa-450-x-338

ރައްޔިތުންގެ ތެރޭގައި ފިތުނަ އުފައްދަން ހަދާފައިހުރި ބައެއް ޓީވީ ޗެނަލްތައް އެބަހުރިކަމަށާއި، އެފަދަ ޓީވީ ޗެނަލްތަކުން މީޑިޔާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސިޔާސީ ފަރާތްތަކުގެ ޒާތީ ދިރިއުޅުމާބެހި، އެފަރާތްތަކުގެ އަބުރު ނަގާލުމަށް މަސައްކަތްކުރާއިރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ހަނު އޮންނާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން މޫސަ ރޭ ވިދާޅުވީ ” ސީދާ ހަމަނުޖެހުމަށް މަގު ފަހިވާ ގޮތަށް 2ޓީވީ ޗެނަލަކުން ޚަބަރުތަކާއި މަންޒަރުތައް އެ ގެނެސްދެނީ. ބައްލަވާ ރިޝްވަތުގެ ތުހުމަތުގަ ޤާސިމް ހައްޔަރުކުރިފަހުން، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅު އަންދާލާ މަންޒަރު ކެނޑިނޭޅި ވީޓީވީން ދައްކަމުން އެދަނީ. ރައްޔިތުންނަށް އޭގެ ސަބަބުން ހަމަނުޖެހުން ހިންގަން ކިހާ ހިއްވަރެއް ލިބޭނެތޯ..”
ޚިޔާލު ފާޅުކުރުމަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކަށް އެކަނި އޮންނަ ޙައްޤެއް ކަމަށް އެމްޖޭއޭ އިން ޤަބޫލުކޮށްގެން ނުވާނެކަމަށް ވިދާޅުވަމުން މޫސަ އިތުރަށް ވިދާޅުވީ ” އެމްޖޭއޭ އިން މިފަދަ މަންޒަރު ބަލަން ހަނު އޮންނާތީ އަޅުގަނޑު ހަމަ ހައިރާންވޭ. ބައްލަވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރަޖިސްޓްރީކޮށްގެން ހިންގާ މުޥައްސަސާއަކަށް އެކަނި ލިބޭ ޙައްޤެއް ނޫނޭ. އަދި އެމްޖޭއޭ އިން ޤަބޫލުކޮށްގެން ނުވާނެ އާންމު ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްކަމަކަށް ވެސް. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އަކީ ހަމައެކަނި އެމްޖޭއޭއަށް އޮތް މާއްދާއެއް ނޫން. އެ މާއްދާގަ ކަނޑައެޅިގެން އެބުނަނީ މިނިވަންކަމާއެކު ފިކުރުކުރުމާ އިސްލާމްދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާ ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއޭ. ދެން ކީއްވެތޯ މީޑިއާ އިން އަޅުގަނޑަކީ ނަހަލާލު ދަރިއެކޭ ބުނެ، އަޅުގަނޑުގެ ކާރުގެ ޑިކީއަށް ރާފުޅިތަކެއް އަރުވައިގެން ޑްރާމާ ކުޅެ، އެކަންތައް އެއޮތީ ދެން ސާބިތުވެފައޭ އާންމުންނަށް ހީވާވަރަށް ދޮގު ޚަބަރު ފެތުރީމަ އަމިއްލަ ދިފާޢުގަ އަޅުގަނޑަށް ވާހަކަ ނުދެއްކެންވީ. ޝަރީޢަތުން ހުކުމެއް ސާބިތުނުވަނީސް ޙުކުމްކުރުމުގެ ޙައްޤެއް ވީޓީވީއަކަށް ނޯންނާނެ.”
ޤާނޫނު އަސާސީގެ 21 ވަނަ މާއްދާ ބުނާގޮތުން ކޮންމެ މީހަކަށްމެ، ދިރިހުރުމުހެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
މޫސަ އިތުރަށް ވިދާޅުވީ ” ރީކޯ މޫސަ މީޑިއާ އަށް ގޮން ޖައްސަވާ ވާހަކަ އެ ޓީވީ ޗެނަލްތަކާ ރޭޑިއޯ ޗެނަލްތަކުން މިނިވަންކަމާއެކު ދައްކާއިރު، އެގޮތަށް ވާހަކަދެއްކުމަށް އެމީހުންނަށް ފުރުޞަތު ލިބުނީ އެމްޑީޕީން ކުރި މަސައްކަތުގެ ސަބަބުން ” ކަމަށާއި، މުއްސަނދިން އެމީހުންގެ ފައިސާގެ ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ މަޞްލަޙަތު ދިފާޢުކުރުމަށް ޓީވީ ސްޓޭޝަންތައް ހަދައިގެން ދޮގު މަޢުލޫމާތު ފަތުރައި މޫސަގެ އަބުރު ނަގާލަން ކިތަންމެ ވަރަކަށް މަސައްކަތްކޮށް، ބިރުދެއްކި ނަމަވެސް، ފަހަރެއްގައިވެސް އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މީޑިއާތަކުން ސާބިތުނުހިފޭ ވާހަކަތައް ދައްކައި ބައެއް ސިޔާސީ ފަރާތްތަކުގެ އަބުރު ނަގާލަން މަސައްކަތްކުރަމުންދާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ރާއްޖޭގައި ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފްނުވާ ގޮތުގެ މަތީންކަމެވެ. މިއަށްވުރެ ފުޅާކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ޤާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ވެސް ދީފައިނުވާކަން ފާހަގަކުރެވެއެވެ.