އެމްޑީޕީގެ ބައެއް ސިޔާސަތުތައް އިޝާރީބަހަށް ތަރުޖަމާކޮށް އިފްތިތާހު ކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްްޑީޕީ)ގެ ބައެއް ސިޔާސަތުތައް އިޝާރީބަހަށް ތަރުޖަމާކޮށް އަޑުއިވުމުން މަހުރޫމު ވެފައިވާ ކުދިންނާއެކު އެ ސިޔާސަތުތައް ރޭ (22 އޮގަސްޓް 2013) އިފްތިތާހުކޮށްފިިއެވެ. ޑެފް އެސޯސިއޭޝަންއާއި ގުޅިގެން ރޭ 8:45 ގައި އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި 16 ބައިވެރިންނާއި، ޑެފް އެސޯސިއޭޝަންގެ ފަރާތުން އިޝާރީބަހުގެ މާހިރެއް ކަމުގައިވާ މަރިޔަމް ފިޒްނީގެ އިތުރުން ޗެއަރޕާސަންގެ ނައިބު އިދާރީ އަދި ކެމްޕެއިން މެނޭޖަރު އަލީ ޝިޔާމް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ “އޯގާތެރި ސަރުކާރު” ސިޔާސަތުގެ ދަށުން ހިންގުނު މި ބައްދަލުވުގައި އަޑުއިވުމުން މަހުރޫމު ވެފައިވާ ކުދިންނަށް ކުރިމަތިވާ ދަތިކަކާއި އެކުދިންނަށް ބޭނުންވާ ކަންތައްތައް ވަނީ އެމްޑީޕީއަށް ހުށައަޅާފައެވެ. އެކުދިން ބުނިގޮތުގައި އެންމެ ބޮޑެތި ދަތިތަކެއް ދިމާވަނީ ވަޒީފާ ހޯދުމުގައިއާއި އާންމު ހިދުމަތްތައް ލިބިގަތުމުގައެވެ. ވަޒީފާއަށް ކުރިމަތިލުމުން ވަރަށް ބޮޑެތި ތަފާތުކުރުން ތަކެއް ގެންގުޅޭކަމަށާއި މި ތަފާތުކުުރުމުގެ ސަބަބުން ވަޒީފާ ލިބުމުގެ ފުރުސަތުތައް ވަރަށް ކުޑަވެ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ވަނީ ވަރަށް ހިތާމަޔާއެކު ފާހަގަ ކޮށްފައެވެ. ހަމައެހެންމެ، އަންމު ހިދުމަތްއައް ފޯރު ކޮށްދޭ ތަންތަނަށް ދިޔަ ކަމުގައިވިޔަސް މުއާސަލާތު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން އެންމެ އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް ބޮޑެތި ހުރަސްތަކެއް އުނދަގުލާއެކު ކަޑަތުކުރަންޖެހޭކަމަށް އެކުދިން ވަނީ ފާހަގަކޮޮށްފައެވެ. ބޭސްފަރުވާޔަށް ހޮސްޕިޓަލަށް ދިޔަ ކަމުގައި ވިޔަސް ތަރުޖަމާނެއްގެ އެހީ ނުލިބޭތީ ޑޮކްޓަރާއި މުއާމަލާތުކުރުމުގައިވެސް ދަތިތައް ދިމާވާކަމަށް ބައްދަލުވުގެ ބައިވެރިޔަކު ހާމަކުރިއެވެ. ބައިވެރިންގެ ޝަކުވާތަކައް އެހުމަށްފަހު އެމްޑީޕީގެ ސަރުކާރަކުން އެފަދަ ކުދިންގެ އަޑު އަހާނެކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ ކެމްޕެއިން މެނޭޖަރު އަލީ ޝިޔާމް ވަނީ އަރުވާފައެވެ.

މުއާމަލާތުކުރުމުގައި ހުރި ދަތި ތަކުގެ ސަބަބުން ޤާނޫނީ އެހީ ހޯދުމުގައިއާއި ޝަރީއަތްތަކުގައި ވަކާލާތުކުރުމުގައިވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާކަން ބައްދަލުވުމުގެ ބައިވެެރިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ގިނަ ފަހަރު އެފަދަ ކުދިންގެ ހައްޤުތައް ގެއްލިގެންދާކަންވެސް ވަނީ ހިތާމަޔާއެކު ފާހަގަކުރައްވަމުން ޑެފް އެސޯސިއޭޝަނުން ބައްދަލުވުމުގައި ބައިވެރިވި ތަރުޖަމާނު ވިދާޅުވިގޮތުގައި އަތުގެ އިޝާރީބަހުގެ މާހިރުން ރާއްޖޭގައި ވަރަށް މަދެވެ. އެގޮތުން ޔުނިވަސިޓީތަކުގައިއާއި ކޮލެޖުތަކުގައި ވަކި މާއްދާއެއްގެ ގޮތުގައި އިޝާރީބަހުގެ ކޯސްތައް ހިންގުމަށް ވަނީ ހުށައަޅާފައެވެ.
އެބޭފުޅުންގެ ހުރިހާ ޝަކުވަތަކާއި ބޭނުންތައް ރައީސް ނަޝީދަށް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުން އެމްޑީޕީއަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއްކަން އަލީ ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.