ކުއްލި ޚަބަރު: ބަންޑާރަ ނައިބު އިސްތިއުފާދެއްވައިފި

8 އޮގްސްޓް 2010

ag-suood

ދައުލަތުގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފިއެވެ. ސުއޫދު ވަނީ މިކަން މީޑިއާއަށް ކަށަވަރުކޮށް ދެއްވާފައެވެ.
މަގާމުން އިސްތިޢުފާ ދެއްވައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި، މަގާމު އިސްތިޢުފާ މިދެއްވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައި، އެޤާނޫނުއަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިޤާލީ މުއްދަތު ހަމަވިއިރު، އެބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ. އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގެ ފުރްޞަތު އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.
ހުސްނުއްސުއޫދު އިސްތިއުފާދެއްވުމަށްފަހު ވިދާޅުވީ މަގާމުން އިސްތިއުފާދެއްވި ނަމަވެސް، ސަރުކާރާއި އެމްޑީޕީއަށް އެއްބާރުލުންދީ މިސަރުކާރު ދިފާއުކުރުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ.