“އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ

1175391_10201124360284113_799142806_n

ލިޔުނީ: އަހްމަދު އަޒްހަރު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު “އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު މާދަމާ (16 އޮގަސްޓް 2013)ހަވީރު ރ. ދުވާފަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

މާދަމާ އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާ މި ސިޔާސަތާ ގުޅޭގޮތުން މިއަދު (15 އޮގަސްޓް 2013) އެމްޑީޕީގެ މައި އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ކެމްޕެއިން މެނޭޖާރ އަދި ޗެއަރޕާސަން ގެ ނައިބު އިދާރީ އަލީ ޝިޔާމު ވިދާޅުވިގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރަނީ ރައްޔިތުންގެ ކައިރިޔަށް ގޮސް ރައްޔިތުންގެ އިހްސާސްތައް ދެނެގަނެ ރައްޔިތުން ބޭނުންވާ ކަންތައްތައް އަހައި އޮޅުންފިލުވައިގެންނެވެ. ހަމައެހެންމެ އެމް.ޑީ.ޕީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި “އޯގާތެރި ސަރުކާރު” ސިޔާސަތުގައި އެކުލެވިފައިވާ ކަންތައްތަކަށް 16 ބިލިޔަން ރުފިޔާ ބަޖެޓު ކުރެވިގެން ހަރަދު ކުރެވޭނެއެވެ. މިސިޔާސަތުގައި އެކުލެވިގެންވާ ކަންތައްތައް ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އެކަންތައްތަކުގެ ތެރޭގައި އާސަންދައާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ފައިސާގެ އެހީއާއި، ތައުލީމަށް ހަރަދުކުރެވޭ އެކި އެކި އެހީތަކާއި، ކަރަންޓު ސަބްސިޑީ އަދި ހުނަރު ޕްރޮގްރާމް ހިމެނެއެވެ.

“އޯގާތެރި ސަރުކާރު”، މިއީ އެމް.ޑީ.ޕީގެ ސިޔާސަތު ތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ސިޔާސަތުކަމަށް ވިދާޅުވަމުން އަލީ ޝިޔާމް ފާހަގަ ކުރެއްވިގޮތުގައި ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކޮންމެވެސް ވައްތަރެއްގެ އެހީތެރިކަމެއް ބޭނުންވެއެވެ. ހަމައެހެންމެ ދިގު 30 އަހަރު ތެރޭގައި ރައްޔިތުންނަޓަކައި ކޮށްފައިވާ މަސައްކަތާއި އެމް.ޑީ.ޕީގެ ތިން އަހަރު މަސައްކަތްކުރި ގޮތްވެސް ރައްޔިތުންނަށް ވަނީ ފެނި ޤަބޫލުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އަދި މި ޕާޓީ އަކީ ވަޢުދުވެ ވަޢުދު ފުއްދާ ޕާޓީއެއްކަން ފާހަގަަ ކުރެއްވިއެވެ.

މިސިޔާސަތުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުން ކަމަށް ފާހަގަކުރައްވަމުން އަލީ ޝިޔާމް ވިދާޅުވިގޮތުގައި އާސަންދައިގެ ނަމުގައި އެމް.ޑީ.ޕީއިން އެ ވަޢުދު ފުއްދިއެވެ. އެހެނަސް ބަޣާވާތަށްފަހު އުފެދުނު ކޯލިޝަން ސަރުކާރުން އަނެއްކާވެސް ރައްޔިތުން ފައިސާ ދައްކަންޖެހޭ ގޮތަށް ނިޒާމް ބަދަލު ކޮށް އަނެއްކާވެސް ބާކީ ލާރި ހޯދުމަށް ރައްޔިތުން ސަލާންޖަހަން ޖެހިފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރެއްގައި އަނެއްކާވެސް އާސަންދަ ފުރިހަމަ ނިޒާމަކަށް ބަދަލުކޮށް ބޮޑެތި ބަލި ތަކުގައި އުޅޭ މީހުންނަށް އެއް ލައްކަ ރުފިޔާއަށް ވުރެ ގިނައިން ހަރަދުވާނަމަ އެކަންވެސް ހަމަޖައްސައިދޭނެކަމަށް އަލީ ޝިޔާމް ވަނީ ހާމަކޮށްދެއްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ކެމްޕެއިން ކޮމިޓީގެ ނައިބު އަބްދުލް މާޖިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ 21 ސަރަހައްދެއްގައި މާދަމަ މިސިޔާސަތު އިފްތިތާޙް ކުރެވޭނެއެވެ. ކެމްޕެއިންގެ އެންމެ މުހިއްމު ބަޔަކީ ސިޔާސަތުތައްކަމަށް ފާހަގަކުރައްވަމުން މާޖިދު ވިދާޅުވިގޮތުގައި އެމް.ޑީ.ޕީއިން ކެމްޕެއިން މިކުރަނީ ރައްޔިތުންނަށް އޯގާތެރި، އިންސާފުވެރި އަދި އަދުލުވެރި ސަރުކާރެއް ހޯދައިދިނުމަށްޓަކައެވެ.