ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އެމްޑީޕީގެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތު މިއަދު ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އެމްޑީޕީގެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތު މިއަދު މާލޭ ސިޓީ ހޯލްގައި ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފިއެވެ. ބޭރުގެ ޑިޕްލޮމެޓުންނާއި، އެމްޑީޕީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަދި އާންމުންނާއި މީޑިއާގެ ފަރާތްތަކުން ބައިވެރިވި ބައްދަލުވުން ވިލަރެސްކޮށްދެއްވައިފައިވަނީ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފައިވާ އަހްމަދު ނަސީމެވެ.

ބައްދަލުވުން ފައްޓަައިދެއްވުމުގެ ގޮތުން އަހްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުގެ 3 އަހަރު ތެރޭގައި ހާރިޖީ ގޮތުން ހޯދި ކުރިއެރުންތަކަށް އަލިއަޅުވައިލެއްވިއެވެ. މިގޮތުން ފަލަސްތީނާއި އިޒްރެއިލަށް ދަތުރުކުރެއްވި އެންމެ ފުރުތަމަ ފޮރިން މިނިސްޓަރު ކަަމުގެ އިތުރުން ކޮމަންވެލްތްގެ މިިނިސްޓީރިއަލް އެކްޝަން ގްރޫޕްއަށް ރާއްޖެ ހޮވިފައިވުން ފާހަގަ ކުރެއްވިއެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވަނީ ލާމެހިފައިވާ ދުނިޔެއެއްގައި ރާއްޖެ މަތިފަޑީގައި ފައިހަމަކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެެން ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަންޖެހޭ ކަމަށް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއަދުގެ ސަރުކާރުން ރާއްޖެއަށް މިހާތަނަށް ލިބުނު އިންވެސްޓްމަންޓް އުސޫލްތަކާއި ޚިލާފަށް ބޭރުކުރުމުގެ ސަބަބުން 1.5 މިލިއަން ޑޮލަރުގެ ބަދަލަކަށް ދިވެހި ދައުލަތަށް ދައުވާ ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެމްޑީގެ ސަރުކާރެއްގައި ގައުމުތަކާއި އޮންނަ ދޭދޭ ގުޅުން ބަދަހިކުރައްވާ ރާއްޖޭގެ ކިލަނބުވެފައިވާ ނަމުން ގަދަރުލިބިގެންވާ އަދި ބަސްވިކޭ ގައުމަކަށް ހައްދަވާނޭ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި މިކަމުގެ ސަބަބުން ސީދާ ދިވެހި ރައްޔިތުންނަށް ފައިދާ ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި 3 އަހަރު ތެރޭ ރާއްޖެއަކީ ތިމާވެށީގެ ރޮގުން ގެއްލުން ލިބެމުންދާ ގައުމެއްގެ ހައިސިއްޔަތުން ލީޑް ރޯލެއް ރާއްޖެ އަދާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކާބަން ނިއުޓްރަލް ގައުމަަކަށް ހެދުމަށް ހާރިޖީ ގޮތުން ކުރިއެކޭ އެއްފަދައިން ބޮޑެތި މަސައްކަތްކުރައްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމްޑީޕީގެ ހާރިޖީ ސިޔާސަތުގެ ހާއްސަ ސިފަތައް ބަޔާންކުރައްވަމުން ކުރީގެ އެމްބެސެޑަރ އެއް ކަމުގައިވާ އަބްދުލް ޣަފޫރު މުހައްމަދު ވަނީ ޕްރެޒެންޓޭޝަންއެއް ހުށައަޅުއްވައިދެއްވައިފައެވެ. ކުރިއަށް އޮތް 5 އަހަރު ތެރޭގައި ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްތަކަށް އަލިއަޅުވައިލެއްވިއެވެ. މިގޮތުން ރާއްޖޭގެ އިސްތިގްލާލާއި އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމާއި، އިންސާނީ ހައްގުތަަކަށް ވަކާލާތުކުރުމާއި، އަދި ތަރައްޤީ ވަމުން އަންނަ ގައުމުތަކަށް އެހީތެރިވުން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ އ.ދ.ގައި ރާއްޖެއަކީ ޒިންމާދާރު ގައުމަކަށް ހަދާނޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާުނުގެ ޕްރެޒެންޓޭޝަން ނިންމަވައިލައްވަމުން އެމްޑީޕީގެ ވެރިކަމުގައި ގައުމަށާއި އަދި ރައީސް ނަޝީދަށް ލިބިފައިވާ އެވޯޑްތަކައި ރީތިނަމަށް އަލިއަޅުއްވައިލެއްވިއެވެ.

ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބުދެއްވައިފައިވެއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އުއްމީދު ކަޑައިނުލައްވާ ކުރަމުންދާ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.