އިލެކްޝަން އޮބްޒާވަރުންގެ ގޮތުގައި އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްޕުޅުތަކުން ޖޫން މަސް ނިމުމުގެ ކުރީން އެމްޑީޕީ ކެމްޕެއިން ވިއުގައިގަ ރަޖިސްޓަރީ ކުރެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވާ

އިލެކްޝަން އޮބްޒާވަރުންގެ ގޮތުގައި އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްޕުޅުތަކުން ޖޫން މަސް ނިމުމުގެ ކުރީން އެމްޑީޕީ ކެމްޕެއިން ވިއުގައިގަ ރަޖިސްޓަރީ ކުރެއްވުމަށް ރައީސް މުހަންމަދު ނަޝީދު އިލްތިމާސް ކުރައްވައެވެ.

އިލެކްޝަން އޮބްޒާވަރުންނަކީ 07 ސެޕްޓެމްބަރ 2013 ދުވަހު ބޭއްވޭ އިންތިޚާބުގައި ލެވޭ ކޮންމެ ވޯޓަކީ ގުނެވޭނެ ވޯޓެއްކަމުގައި ހެއްދެވުމަށާއި، ވޯޓު ދެއްވާފަރާތްތަކުގެ ހިމާޔަތްތެރިކަން އިތުރު ކުރެއްވުމަށް ޓަކާ ޕާޓީގެ ފަރާތުން ހަރަކާތްތެރިވެވަޑައިގަންނަވާނެ މެމްބަރުން ކަމުގައި ރައީސް މުހަންމަދު ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އިލެކްޝަން އޮބަޒަރވަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެއްވުމަށް ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ ސެކްރެޓޭރިއަޓް އާއި ރަށްރަށުގެ ގޮފިތަކުގެ ނުވަތަ ދާއިރާ ރައީސުންނާއި ކޯޑިނޭޓަރުން މެދުވެރިކުރެއްވުމަށާއި، ފޯނުން ގުޅުއްވާ ބައެއް ނަމްބަރުގެ ގޮތުގައި 9603340044+ އަދި 96077145+
ވަނީ ހަމަޖައްސަވާފައެވެ.

އިންތިޚާބުގައި ހަރަކާތްތެރިވެވަޑައިގަންނަވާނޭ މެމްބަރުންނަށް ޕާޓީގެ ފަރާތުން ފަންނީ މަޢުލޫމާތާއި ތަމްރީނު ދެއްވާނެކަމުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާމަނިކު ވަނީ ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެ އިންތިޚާބުގައި ވޯޓްދެއްވާނެ ރައްޔިތުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމަށާއި، ދެއްވާ ވޯޓްގެ ހިމާޔަތްތެރިކަން ބެލެހެއްޓެވުމަށް އަދި އިންތިޚާބާއި ބެހޭ ޝަކުވާތަކާމެދު ފިޔަވަޅު އަޅުއްވާނެ ތަފާތު ތިން ކޮމިޓީއެއް މިހާރުވެސް އެމްޑީޕީގެ ފަރާތުން މަސައްކަތްތައް ކުރިއަށް އެބަގެންދަވައެވެ.