ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރ އަޙުމަދު މުޙައްމަދު 10 ޖޫން 2013 ދުވަހުގެރޭ ނައިފަރުގައި ބޭއްވި ޑީއާރުޕީ ކޯލިޝަން ޖަލްސާއެއްގައި ދެއްކެވިވާހަކަ ހަރުއަޑުން ކުށްވެރި ކުރުން

noosbayan

ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރ އަޙުމަދު މުޙައްމަދު 10 ޖޫން 2013 ދުވަހުގެރޭ ނައިފަރުގައި ބޭއްވި ޑީއާރުޕީ ކޯލިޝަން ޖަލްސާއެއްގައި ދެއްކެވިވާހަކަ ހަރުއަޑުން ކުށްވެރި ކުރުން

މިހާރު ވެރިކަމު އަރާވަޑައިގެން ހުންނެވި މުޙައްމަދު ވަޙީދު ހަސަން މަނިކު ހައްދަވާގެން އުޅުއްވާ ކޯލިޝަން ގެ ބޭފުޅުން ޅ. ނައިފަރުގައި 10 ޖޫން 2013 ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު މުހައްމަދު ދެއްކެވި ރަޙުމެއްނެތް ދަށުދަރަޖާގަ ވާހަކަ މިދާއިރާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

ކޮންމެ ދާއިރާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރަކު ކަމުގައިވިޔަސް ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަކީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް މސައްކަތްކުރުމަށާ، ރައްޔިތުންގެ ވިންދާ އެއްގޮތައް ހައްޤުބަސް އިއްވުމަށް ރައްޔިތުންގެ ވޯޓުން އިންތިޙާބު ކުރެވި މަސްއޫލިއްޔަތު އަދާކުރުމަށް މަތިކުރެވިފައިވާ ބަޔަކަށް ވީހިނދު، 10 ޖޫން 2013 ވީ ހޯމަ ދުވަހުގެރޭ، ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑޮކްޓރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އިސްވެ އިންނަވައިގެން ނައިފަރުގައި ބޭއްވި ފުޅާ ކޯލިޝަންގެ ޖަލްސާގައި ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރ އަލްއުސްތާޛް އަޙުމަދު މުޙައްމަދު ނައިފަރު ރައްޔަތުންނާ މުޚާތަބު ކޮށް އެޖަލްސާގައި ވާހަކަ ދައްކަވަމުން “މިއާސަންދައަކީ ދިވެހި ރާއްޖެއަށް އެހާ ރަނގަޅު ކަމެއްނޫން” މިހެން ވިދާޅުވެހަރުއަޑުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިވިދާޅުވި ވިދާޅު ވުމުން ދޭހަވަނީ ދިވެހިރައްޔިތުން ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަށް އެމް.ޑީ.ޕީ ސަރުކާރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ތަޢާރަފްކުރި އާސަންދަ ނިޒާމުން ދިވެހި ކޮންމެ ރައްޔިތަކަށް 100000ރ (އެއްލައްކަ ރުފިޔާ) ގެ ބޭސްފަރުވާ ކަށަވަރު ކޮށްދިންދިނުމަކީ، ރައްޔިތުންނަށް ބޭނުންވެސްނުވާ ދިވެހިރާއްޖެއަށް ކަމުވެސް ނުދާ، ކޮށްދޭންވެސް ނުޖެހޭ ކަމެއްކަމަށާއި، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމަކީ ރަގަޅު ކަމެއްނޫން ކަމަށް ވިދާޅުވުން ކަމަށް ޤަބޫލް ކުރެވެއެވެ. މިޖަލްސާގައި އިއްޒަތްތެރި މެމްބަރު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފުރައްސާރަޔާ މަލާމާތް ރައްދުވާ ގޮތައް ވާހަކަދެއްކެވި ދެއްކެވުން ނުހަނު ކަންބޮޑު ވުމާއެކު މިދާއިރާގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބެމުންދާ މިފަދަ އޯގާވެތި ޚިދުމަތްތަކުން ރައްޔިތުން މަޙުރޫމް ކޮށްލުމަށް ކުރަމުންދާ މިބާވަތުގެ ލާއިންސާނީ މަސައްކަތްތައް ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިދާއިރާއިން ކުރާނޭކަން ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ. އަދި މިޖަލްސާގައި ދެއްކި މިވާހަކަތަކަށް ނައިފަރު ރައްޔިތުންނާ ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ވެސް ނައިފަރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އަޙުމަދު މުޙައްމަދަށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ނައިފަރު ދާއިރާ