މެނިފެސްޓޯ އޮޑި ދެބައިކަނޑަށް ނިކުމެއްޖެ.

އެމްޑީޕީގެ ސިޔާސަތުތަކާއި ވައުދުތައް ޢާއްމު ރައްޔިތުންނަށް އަންގައިދީ މައުލޫމާތު ފޯރުކޮށްދިނުމަށް “މެނިފެސްޓޯ” އޮޑީގެ ނަމުގައި ދަތުރުކުރަމުންދާ އޮޑި ދެބައިކަނޑަށް ނިކުމެއްޖެއެވެ.

އިއްޔެ )10 ޖޫން 2013-އާދިއްތަ ދުވަހު( އިރުއޮއްސުނުއިރު މާލެއިން ފުރި މިއޮޑި ދެބައިކަނޑަށް ނިކުތްއިރު މިހާރު އޮޑީގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ދަތުރުގެ އިންޗާރޖް ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްވެ ހުންނަވައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ދަތުރުގެ މަޤްޞަދާއި ޙާޞިލް ކުރަން ބޭނުންވާ އަމާޒަކީ ކޮބައި ކަމާއި އެކަންކަން ޙާޞިލް ކުރުމަށް ހުރި ބައެއް ކަންކަމުގެމައްޗަށް އަލިއަޅުވައިލައްވާ މަޝްވަރާތައް ކުރިޔަށް ގެންދެވިއެވެ. އަދި މީގެ އިތުރުން މި ދަތުރުގައި އެމްޑީޕީގެ ސިޔާސަތުގެ މައުލޫމާތު ރައްޔިތުންނަށް ކިޔައިދިނުމުގައި ފޯކަސް ކުރާނީ ކޮންގޮތަކަށްތޯ ފާހަގަ ކުރައްވާ. ބައެއް ސިޔާސަތު ތަކަކީ އާއްމު ނުކުރާ ސިޔާސަތުތައްކަމުން އެކަން އޮތްގޮތް އެނގިފައި އޮތުމަކީ މުހިއްމު ކަމެއްކަމުގައި ފާހަގަކުރައްވާ މަޝްވަރާ ކުރިިޔަށް ގެންދެވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނާއި ހިއްސާ ކުރުމުގެ މުހިއްމު ކަމުގެމައްޗަށް ބައްލަވާލައްވާ މި މަޝްވަރާ ބައްދަލުވުމަގައި ވާހަކަތައް ކުރިޔަށް ގެންދެވިއެވެ.

ލަފާ ކުރެވޭ ގޮތުގައި މެނިފެސްޓޯ އޮޑި މިއަދުގެ ވަގުތެއްގައި ހއ ހޯރަފުށީގައި ބަނދަރުކުރާނެއެވެ. އަދި މިއޮޑި ހޯރަފުއްޓަށް ފޯރުމާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މި އޮޑީގެ ދަތުރުތައް ފެށައިގަތުން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނެއެވެ.