ނޫސްބަޔާން: ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ސުލްހަވެރި އިޙްތިޖާޖް ކުރަމުން ދިޔަ އެތަށް ބަޔަކަށް ފުލުހުން އަނިޔާވެރިވެ، ހައްޔަރުކުރިކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-17
ތާރީޚް: 16 ފެބުރުއަރީ 2013 (ހޮނިހިރު)

ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ސުލްހަވެރި އިޙްތިޖާޖް ކުރަމުން ދިޔަ އެތަށް ބަޔަކަށް ފުލުހުން އަނިޔާވެރިވެ، ހައްޔަރުކުރިކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ރިޔާސީ ކެނޑިޑޭޓް އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ހިމާޔަތަށް އެދި އަދި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް އިންސާފުން އެއްކިބާވެފައިވާތީ އެ ދަޢުވާ އަނބުރާ ގެންދިއުމަށް ގޮވާލާ އެމަނިކުފާނަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ސުލްޙަވެރިކަމާއި އެކު ކުރަންމުދާ އިހްތިޖާޖާތަކުގައި، އާންމު ރައްޔިތުންނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރަމުން ދާތީ މިޕާޓީން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ. އަދި ރައްޔިތުންނަށް އަނިޔާވެރިވެ، ހައްޔަރުކޮށް ބިރު ދައްކައިގެން، ޤާނޫން އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަންކަމުގެ ހައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަށް ބަޣާވާތުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ވެސް މިޕާޓީން ކުށްވެރިކުރަމެވެ.

މިގޮތުން ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ކުރިޔަށް ގެންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން ރޭ ބޭއްވި ޤައުމީ ސުލްޙަވެރި ހިނގާލުމުގައި މިޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ފުލުހުން ވަނީ އަނިޔާވެރިކަމާއި، ގަދަބާރު ބޭނުންކޮށްގެން ހައްޔަރުކޮށްފައެވެ. ފުލުހުން އަނިޔާވެރިވެ ހައްޔަރުކުރި މީހުންގެ ތެރޭގައި ރައިސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފުއާ، ޑިފެންސް މިނިސްޓަރކަން ކުރެއްވި އަމީން ފައިސަލް އަދި 7 ފެބްރުއަރީ 2012 ގަ ކުރި ބަޣާވާތައް ފަހު އެ ބަޣާވާތް ތަޙްގީގު ކުރަން ސަރުކާރުން އުފެއްދި ކޮމިޝަންގަ ހިމަނިވަޑައިގެންނެވި ރައީސް ނަޝީދުގެ މަންދޫބު އަޙްމަދު ސައީދު (ގަހާ ސައީދު) ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދަށް ތާޢީދުކުރާ އަދި އެމަނިކުފާނުގެ ހިމާޔަތް ލިބުމަށް އެދި ގޮވާލާ އެމްޑީޕީގެ މެމްބަރުންނާއި ދެކޮޅަށް ފުލުހުން ހިންގި އިންސާނިއްޔަތާއި ޚިލާފް އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވި އެތައް ބައެއްގެ ތެރެއިން ރޭގެ މި ހިނގާލުމުގައި ވަރަށް ބޮޑަށް އަނިޔާ ދިން ޒުވާން އަންހެންކަށް މިހާރުވެސް ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން މަޢުލޫމާތުދެއްވި ގޮތުގައި އެމްޑީޕީން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖްތަކުގައި ރޭ ގެ ހިނގާލުމުގައި އެކަނިވެސް ހައްޔުރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ 58ށް އަރާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތަށް ވަޑައިގަންފަހުން ކުރެވުނެ ސުލްހަވެރި އިޙްތިޖާޖު ތަކުގައި 90 އަށް ވުރެ ގިނަ މީހުން ވަނީ އަނިޔާވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ. އަދި މީގެތެރެއިން މިހާރުވެސް 70 އާ ގާތްކުރާ އަދަދަށް މީހުން ފުލުހުންގެ ހައްޔަރު އެބަތިއްބެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އެހެންކަމުން މިޙައްޤު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި މިޙައްޤުގެ ދިފާއުގައި މި ޕާރޓީން ކުރަމުންގެންދާ މަސައްކަތް ނުހުއްޓޭނެކަމުގައި ވެސް ދަންނަވަމެވެ. ޤާނޫން އަސާސީން ލިބިދޭ ހައްޤުތަކުގެ ދަށުން އެމްޑީޕީން ކުރިއަށް ގެންދާ ހިނގާލުންތައް ރޫޅާލުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން، ފުލުހުން ވަނީ އެމީހުންގެ ތެރެއިން ބަޔަކު އެމްޑީޕީގެ ހިނގާލުމުގެ ތެރެއަށް ފޮނުވައިގެން ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައެވެ. މިޕާޓީން ފުލުހުންގެ މި ދަށު ދަރަޖައިގެ، ނާތަހުޒީބީ، ޑިމޮކްރެސީގެ އުސޫލްތަކާއި ޚިލާފް ޢަމަލު ވެސް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް