ރައީސް ނަޝީދު މިއަދުވެސް ހުންނެވީ އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގައި

raees india

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު އަދިވެސް ހުންނެވީ އިންޑިޔާގެ ހައިކޮމިޝަންގެ ހިމާޔަތުގައި، ހެޔޮހާލުކޮޅުގައި ކަމަށް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިންޑިޔާ ހައިކޮމިޝަންގެ ހިމާޔަތް ހޯއްދެވީ، އެމަނިކުފާނުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، ގަދަ ބާރު ބޭނުންކޮށް، އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ޝަރީޢަތް ހިންގުމަށް ހުޅުމާލޭ ކޯޓުން އަމުރު ނެރުމާއި ގުޅިގެންނެވެ.

އިއްޔެ އެމްޑީޕީ އޮފީހުގައި ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ވެސް ފޯނު ބާޣީ ސަރުކާރުން ބަގްކޮށްފައިވާ ކަމަށާއި، އެމްޑީޕީގެ ހުރިހާ މެމްބަރުން މާލެއަރާ، ސީދާ ހަރަކާތައް ނުކުތުން ފިޔަވައި އިތުރުގޮތެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދު އިންޑިއަން ހައި ކޮމިޝަނުން ދެން ނުކުމެ ވަޑައިގަންނަވަން ވާނީ ސީދާ ރިޔާސީ އިންތިޚާބަށް ކަމަށެވެ.

އިއްޔެ ޖަލްސާގައި ވާހަކަދައްކަވަމުން ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، ރައީސް ނަޝީދަށް ރައްކާތެރިކަމާއި އެކު އިންޑިއާގެ ހައި ކޮމިޝަންގައި ހުންނެވިދާނޭކަމުގެ ފުރިހަމަ ޔަޤީންކަން އިންޑިޔަން ހައި ކޮމިޝަނުން އަރުވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތް ހޯއްދެވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ނަޝީދުގެ ޝަރީޢަތް ވަރަށް ބޮޑަށް އިންސާފުން އެއްކިބާވެފައި ވާތީ، ރައްޔިތުންގެ ސީދާ ހަރަކާތަށް ނުކުތުމަށް އިއްޔެ އޮތް ޤައުމީ މަޖިލީހުން ވަނީ ޤަރާރެއް ފާސްކޮށްފައެވެ.