ނަންބަރު:MDP-2013-PR-15
ތާރީޚް: 11 ފެބުރުއަރީ 2013 (ހޯމަ)
ރައީސް ނަޝީދަށް ތާޢީދުކުރައްވާ ފަރާތްތައް ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން ކުށްވެރިކުރުން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް އިންސާފްވެރި ޝަރީޢަތެއް ހޯދުމަށާއި، އެމަނިކުފާނު ރައްކާތެރިކަމަށް ގޮވާލާ، އަމީރު އަހްމަދު މަގާއި، ސޯސަން މަގު ގުޅުނު ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރަމުންދިޔަ ފަރާތްތައް ޤާނޫން އަސާސީއާ ޤާނޫންތަކާއި ޚިލާފަށް ހައްޔަރު ކުރަމުންދާ ދިއުން މިޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ޤައުމީ މަޖިލީހަށް ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ވަހީދު ހުށަހެޅުއްވި ޤަރާރު ފާސްވުމާއި ގުޅިގެން ރައީސް ނަޝީދަށާ، އެމްޑީޕިއަށް ތާޢީދުކުރާ ފަރާތްތަކުން ވަނީ އަމީރު އަހްމަދު މަގާއި، ސޯސަން މަގު ގުޅުނު ސަރަހައްދަށް ނުކުމެ ސުލްހަވެރިކަމާއި އެކު އިޚްތިޖާޖް ކުރަން ފަށާފައެވެ. އަދި މި އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު މަދުވެގެން 8 މީހެއްގެ މަޢުލޫމާތު މި ޕާޓީއަށް ވަނީ ލިބިފައެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ، ޤާނޫން އަސާސީން ދިވެހިރައްޔިތަކަށް ވީތީ އެފަރާތްތަކަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމު ހައްޤު ބޭނުން ކުރަމުން ދަނިކޮށެވެ.
އެމްޑީޕީން ގޮވާލަނީ ފުލުހުން މިގޮތަށް ދައްކަމުންދާ ބިރަށް، އެއްވެސް ދިވެހި ރައްޔިތަކު ފަހަތަށް ނުޖެހުމަށެވެ. އަދި ރައީސް ނަޝީދަށް އިންސާފްވެރި ޝަރީޢަތެއް ހޯދުމަށާއި، އެމަނިކުފާނުގެ ރައްކާތެރިކަމަށް ވީހާވެސް ގިނަ ބަޔަކު މާލެއައިސް، އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.
އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް