ނަރުދޫ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެ

narudhoo councilor 050213 (600 x 450)

ކުރިން ޕީޕީއެމްގައި ހުންނެވި ށ. ނަރުދޫ ކައުންސިލްގެ މެމްބަރު ހުސައިން ސިރާޖް މިއަދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރުމާއި އެކު އެ ކައުންސިލްގެ އަޢުލަބިއްޔަތު މި ޕާޓީއަށް ލިބިއްޖެއެވެ.

ހުސައިން ސިރާޖް މި ޕާޓީއަށް ސޮއި ކުރީ މިއަދު އެކަމަށްޓަކައި ޕާޓީ އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިރާޖް ވިދާޅުވީ، އެމްޑީޕީއާ ގުޅި ވަޑައިގެންނެވީ އެމްޑީޕީގެ ސަރުކާރުގައި ކުރައްވަމުން ގެންދިޔައީ ޤައުމުގެ ތަރައްޤީއަށް މުހިއްމު ކަންތަކެއް ކަމަށް އަމިއްލައަށް ޤަބޫލްކުރެވިގެން ކަމަށެވެ.

” އަޅުގަނޑު ޕީޕީއެމްގައި ހުރިއިރު އެމީހުން މުޅިން ވެސް ބުނަމުން ދިޔައީ އެމްޑީޕީގެ ވެރިކަމުގައި ކުރަމުންދާ ކަންތައް ކަމުނުގޮސް ގެން އެވާހަކަ. ވެރިކަން ބަދަލުވީމާ އުއްމީދު ކުރީ މިއައީ ހެޔޮވެރިކަމެކޭ. އެހެން ނަމަވެސް އެފަރާތުން ވެސް ކުރަމުން ދަނީ ހަމަ އެމްޑީޕީން ކުރަމުން ދިޔަ ކަންތައް. އެމްޑީޕީން ކުރަމުން ދިޔައީ ކަމުނުދާ ކަންތަކެކޭ ކިޔާފައި، ވެރިކަމަށް އާދެވުނީމާ އެކަންތައް އަލުން ކުރަން އުޅޭނީ އެކަންތަކަކީ ރައްޔިތުންނަށް ފައިދާ ހުރިކަމަކަށް ވާތީ. އެހެން ވީމަ އަޅުގަނޑަށް ޤަބޫލްކުރެވުނީ އެމްޑީޕީން ކުރަމުން ދިޔައީ ހެޔޮވެރިކަމެއް ކަން” ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ، މި ނިންމުމަކީ އަމިއްލަ ޤައުމާއި މެދު ވަރަށް ބޮޑަށް ވިސްނާފައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނަރުދޫ ކައުންސިލްގެ އަޢުލަބިއްޔަތު އެމްޑީޕީއަށް ލިބުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި، އެމްޑީޕީއާ އެމަނިކުފާނުގެ އަމިއްލަ ނަމުގައި ސިރާޖަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.