ގޯޕެކްގެ ކޮންފަރެންސްގައި އެމްޑީޕީގެ 2 މެމްބަރުން ބައިވެރިވެ ވަޑައިގެންފި

photo

ފިލިޕީންސްގެ މެނީލާގައި އޮތް “ދަ ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން” (ގޯޕެކް)ގެ 5 ވަނަ ކޮންފަރެންސްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ 2 މެމްބަރަކު ބައިވެރިވެ ވަޑައިގެންފިއެވެ.

ޖެނުއަރީ މަހުގެ 28 ން ފެބްރުއަރީ 3ގެ ނިޔަލަށް ކުރިއަށް ދިޔަ މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ، އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުއާ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިޙްއެވެ. އެމްޑީޕީގެ މެމްބަރުންގެ އިތުރުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ، ޕީ.ޕީ.އެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ފުވަމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހްއާ ޑީ.އާރް.ޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއެވެ.

ގޯޕެކްއަކީ ދުނިޔޭގައި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރާ އަދި ހެޔޮ ވެރިކަން ޤާއިމް ކުރުމަށް މަސައްކަތްކުރާ ދުނިޔޭގެ ޕާލިމަންޓް މެމްބަރުންގެ ޖަމްޢިއްޔާއެވެ.