ރައީސް ނަޝީދުގެ ޝަރީޢަތް މިއަދު 13:45ގައި

vaudhaahingunmachangolhijalsaa2112013 (6)

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުގެ ޝަރީޢަތް “ހުޅުމާލޭ ކޯޓު” ކަމަށް ބުނާ ތަނެއްގައި ހިންގުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ނަންގަވާފައިވާ އިޖުރާޢީ މައްސަލައިގެ އަޑުއެހުން މިއަދު އޮންނާނެއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ވަނީ “ހުޅުމާލެ ކޯޓު”ކަމަށް ބުނާތަނެއްގައި ރައީސް ނަޝީދުގެ ޝަރީޢަތް ހިންގުމާއި ގުޅޭގޮތުން 3 އިޖުރާޢީ ނުކުތާއެއް ފާހަގަކުރައްވާފައެވެ. އެއީ، “ހުޅުމާލޭ ކޯޓު” ކަމަށް ބުނާތަނުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާ ނެންގެވި ނުކުތާ އާއި އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ހިންގިދާނެތޯ ސުވާލު އުފައްދާ ނެންގެވި ނުކުތާ އާއި އެކޯޓަށް ހާޒިރުވުމުގެ އަމުރު ރައީސް ނަޝީދަށް ގަވާއިދާ ހިލާފަށް ފޮނުވާފައިވާތީ އެކަމާއި ގުޅޭގޮތުން ނެންގެވި ނުކުތާ އެވެ. މީގެ ތެރެއިން އެކޯޓުގެ ޤާނޫނީ ސައްޙަކަމާއި މެދު ސުވާލު އުފައްދާ ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ނެންގެވި އިޖުރާޢީ ނުކުތާ ހައި ކޯޓުން ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ “ހުޅުމާލޭ ކޯޓު” ކަމަށް ބުނާތަނަކީ ޤާނޫނީގޮތުން ސައްޚަ ކޯޓެއް ކަމަށް ބުނެ ޙުކުމްކޮށްފައެވެ. އެހެން ނަމަވެސް އެ ޙުކުމާއި ގުޅޭގޮތުން މިއަދު އޮންނަ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮންނަ މި ޝަރީޢަތުގެ މަޖިލީސް ފެށޭނީ މިއަދު މެންދުރު 13:45ގައެވެ.