ވިލިމާފަންނު ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

ވިލިމާފަންނު ދާއިރާގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ހޯމަ ދުވަހު ހުޅުވާލައިފިއެވެ.

އެމްޑީޕީ ވެބް ސައިޓަށް މަޢުލޫމާތު ދެއްވަމުން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަކްރަމް ވިދާޅުވީ، ވިލިމާފަންނު ދާއިރާގެ ހުސްވެފައިވާ ދައިރާގެ ރައީސްކަމުގެ މަޤާމާއި، ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމާއި، ދާއިރާގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން އިންތިޚާބްކުރުމަށް ބާއްވާ އިންތިޚާބް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

މި މަޤާމްތަކަށް ކުރިމަތިލައްވަން ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 06 ޖެނުއަރީ ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ހުށަހަޅުއްވަން ޖެހެއެވެ.

އަކްރަމް ވިދަޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނޭ ކަމަށެވެ.

ޕާޓީގެ ސެކްރެޓޭރިއޭޓް އޮފީސް ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ހަވީރު 16:00 އަށެވެ.