ދެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

2013 ޖެނުއަރީ 26 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ. އަތޮޅު (ކުޑަހުވަދޫ ދާއިރާ) އާއި ގދ. އަތޮޅު (ގައްދޫ ދާއިރާ) ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕާޓީން މަޢުލޫމާތުދެއްވި ގޮތުގައި މި ބައި-އިލެކްޝަންތަކުގައި ޕާޓި ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ޑިސެމްބަރު 20 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ސެކްރެޓޭރިއޭޓަށް ހުށަހަޅުއްވަން ޖެހޭ ކަމަށެވެ.

ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ޕާޓީގެ އޮފީހުން ލިބިވަޑައިގަންނަވާނޭ ކަމަށް ޕާޓީން މަޢުލޫމާތުދެއްވައެވެ. އަދި ޕާޓީގެ ވެބް ސައިޓް www.mdp.org.mv އިން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

ޕާޓީ ޓިކެޓް ހޯއްދެވުމަށް އެއް ދާއިރާއަކަށް، ޝަރުޠު ހަމަވާ އެއް ފަރާތަށް ވުރެން ގިނައިން ކުރިމަތިލައްވައިފި ނަމަ ޕާޓީ ޓިކެޓްގައި ވާދަކުރައްވާނޭ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓިގެ އިންތިޚާބާއި ބެހޭ ކޮމެޓީގެ ބެލުމުގެ ދަށުން 2012 ޑިސެމްބަރ 22 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުންނެވެ.