އެމްޑީޕީގެ އަމާޒަކީ ރާއްޖެއިން ފަގީރުކަން ނައްތާލުން- ރައީސް ނަޝީދު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ އަމާޒަކީ ރާއްޖެއިން ފަގީރުކަން ނައްތާލުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގައި މިރޭ ހއ. ހޯރަފުށީގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތންނަކީ 3 އިރު ރަގަޅަށް ނުކައި ތިބޭ މީހުން ކަމަށާއި، ރާއްޖޭގައި ހުރި މުއްސަނދި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއިން ފަގީރުކަން ނައްތާލައްވާނޭ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލަށް ފޮނުވައިފި ނަމަ މާ ފަސޭހައިން ސަރުކާރު ވައްޓާލާނޭ ކަމަށާއި، “މެޓާއިން ކަރުދާސް ވަކިކުރާހާ ފަސޭހައިން ސަރުކާރުވައްޓާލާނަން”، ކަމަށެވެ. އަދި އެމަނކިފާނަށް ޖަލުގައި ނުދޭ އަދަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓްގެ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އެއްވެސް ގައުމަކުން ލޯނެއް ނުދޭނޭ ކަމަށާއި، ލޯނުދިނަސް ދޭނީ ކޮންމެވެސް ޕްރޮޖެކްޓަކަށް ކަމަށެވެ. އަދި ރަށްރަށުގައި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމްކުރުމަށް ކަމަށް ބުނެ ލޯނު ނަގާ ކަމަށް ބަޖެޓްގައި ޖަހާފައިވާއިރު އެލޯނު ނަގަނީ ކޮންއިރަކު ކޮންތާކުން ކަން އެނގެން ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓަކީ ބާޣީ ބަޖެޓެއް ކަމަށާއި، އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ބާޣީ ބަޖެޓުން ފެންނަން އޮތީ ބާޣީންގެ އޮރިޔާން ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ބާޣީންނަށް އެމީހުން ކުރަން އެއުޅެނީ ކީއްކަން ވެސް ނޭގޭ ކަމަށާއި، ތަރައްގީގެ އިލްމެއް ވެސް ހިލްމެއް ވެސް ބާޣިންގެ ނެތް ކަމަށް ވެސް މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހޯރަފުށީގެ ތަރައްގީ އަކީ އެމްޑީޕީގެ އުއްމީދެއް ކަމަށާއި، އެމްޑީޕީން މަސައްކަތްކުރަމުން މިދަނީ ހޯރަފުއްޓާއި، މުޅި ރާއްޖެއަށް ތަރައްގީ ހޯދައި، ރާއްޖެ ބަދަލުކޮށް މުޅިން އެހެން ދިވެހިރާއްޖެއެއް ހޯދުމަށް ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

ޖީއެމްއާރު އަތުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ރޭ މެންދަމު ނަގާފައިވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރޭގައި ފެނުނީ ވަރަށް ހުތުރު މަންޒަރެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ބާރާ ކުޅުނީމާ އޭގެ ލޮޓި ލިބޭނޭ ކަމަށާއި، އެނބުރި ފަހަތުން އައިސް ޖަހާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ އުތުރުގެ 3 އަތޮޅަށް އެމްޑީޕީން ކުރާ ދަތުރުގައި 44 ރަށަށް ޒިޔާރަތްކުރާ އިރު، އެއީ ރާއްޖޭގެ އާބާދީގެ 20 ޕަސެންޓް ކަމަށްވާ 52000 އަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި، އެ 3 އަތޮޅުގެ ހުރިހާ ގެއަކަށް ހެން ވަދެވި، އެންމެނާ ބައްދަލުވާއިރު މި ރާއްޖޭގައި ވާނުވާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، 2013 ވަނަ އަހަރު އިންތިޚާބެއް ބާއްވައިފިނަމަ އެމްޑީޕީން އެ އިންތިޚާބު ކާމިޔާބުކުރާ މަންޒަރު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ކިހިލި ޖަހައިގެން ސިޔާސީ ވާދަވެރިން ބަލިކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.