ރައީސް ނަޝީދަށް ށ.ޅައިމަގާއި ށ.ނަރުދޫ އިން ވެސް ހޫނު މަރުހަބާއެއް ކިޔައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ވައުދުގެ ދަތުރުގެ ބައިވެރިންނާ އެކު ރައީސް ނަޝީދު މިއަދު ހެނދުނު ށ.ޅައިމަގަށް އަދި މިއަދު މެންދުރު ށ.ނަރުދޫ އަށް ވަޑައިގަތުމުން އެ ދެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޅައިމަގު އެމްޑީޕީ ހަރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޮގަސްޓް މަހު އިންތިޚާބެއް ބާއްވަން އެމްޑީޕީން ބޭނުންނުވާ ކަމަށާއި، މާރޗު މަހުގެ ކުރިން އިންތިޚާބެއް ބާއްވަން ޖެހޭނޭ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ގެސްޓް ހައުސް ތައާރަފް ކުރުމަކީ އެމްޑީޕީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ކުދި ރަށްރަށަށް އަމާޒުކޮށްގެން ގެސްޓް ހައުސް ޕްރޮގްރާމް ފައްޓަވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކުދި ރަށްރަށަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫން ކަމަށާއި، ކުދި ރަށްތައް އުވާލުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ކުދިރަށްރަށުން މީހުން ބަދަލުނުކޮށް އެރަށްތަކާ ބޮޑެތި ރަށްތައް ފެރީގެ ނިޒާމަކުން ގުޅާލުން ކަމަށެވެ.

ރަށްރަށުގެ ރައްޔިތުންނާ އެކު އެމްޑީޕީން އެ ހޭދަކުރާ ފަދައިން ވަގުތު ހޭދަކޮށް ރައްޔިތުންގެ ބޭނުންތައް ސާފުކުރުމަށް ވެސް ވާދަވެރި ސިޔާސީ ފަރާތްތަކަށް ރައީސް ނަޝީދު މިއަދު ގޮވާލެއްވިއެވެ. އަދި އެމްޑީޕީން ބޭނުން ވަނީ ރައްޔިތުންގެ އަތުން ފައިސާ ހޭދަކުރުމަކާ ނުލައި އާސަންދަ ހިންގުން ކަމަށާއި، ރައްޔިތުން ހާސްކަމެއްގެ ތެރޭގައި ބޭތިއްބުމަކީ އެމްޑީޕީން ބޭނުންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީ އަކީ ޒަމާނީ ޕާޓީއެއް ކަމަށާއި، އެއްވެސް ހާލެއްގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް އެމްޑީޕީން ޖާގަ ނުދޭނޭ ކަމަށާއި، އެހެން ނަމަވެސް ޖާހިލިއްޔަ ޒަމާނުގެ ގޮތްތަކަށް އެމްޑީޕީން ތާއީދު ނުކުރާނޭ ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

އެ ދެ ރަށުގައި ވެސް އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ފަރާތުން ޕޮލިސީ ފޯކަސްޑް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމްވެސް ކުރިއަށް ގެންދިޔައެވެ.