ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިލަންދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާ އެކު އެޕާޓީން އެންމެ އުތުރުގެ 3 އަތޮޅަށް ކުރާ “ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު” ގައި މިއަދު މެންދުރު ށ.މިލަންދޫއަށް ވަޑައިގަތުމުން އެރަށުން ރައީސް ނަޝީދަށާއި ވައުދުގެ ދަތުރުގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިއަދު މެންދުރު 12.30 ގައި ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރުގައި ރައީސް ނަޝީދު މިލަންދޫއަށް ވަޑައިގެންނެވި އިރު އެރަށް ވަނީ ރީނދޫ ކުލައިގެ ބެނަރތަކާއި ދިދަފަތިތަކުން ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ. އަދި އެރަށުގެ ކުދި ބޮޑު އެތައް ސަތޭކަ ބަޔަކު ރައީސް ނަޝީދަށާއި ވައުދުގެ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.

ރައީސް ނަޝީދުގެ އަރިހުގައި އެމް.ޑީ.ޕީގެ ޗެއަރ ޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މޫސާ މަނިކު، މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ، އެމް.ޑީ.ޕީ ޕާރލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަސްލަމް، އެމް.ޑީ.ޕީ ޕާރލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ވަހީދު، ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަމީރު، ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ރަޝީދު، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު އަބްދުﷲ، ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ވަހީދު، މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ރިޒާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.ޑީ.ޕީގެ އިސް ބޭފުޅުންނާއި ޕާޓީއަށް ތައީދު ކުރައްވާ އެތައް ބަޔަކު ވައުދުގެ ދަތުރުގައި ބައިވެރިވެޑައިގަންނަވައެވެ.

ރައީސް ނަޝީދު މިލަންދޫއަށް ވަޑައިގެން މިއަދު އެރަށު ރާވަންނަ ކެފޭއާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތްކޮށްފައިވާ އެމްޑީޕީގެ ހަރުގެ ހުޅުއްވައިދެއްވިއެވެ. އަދި ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ބޮޑު ދިދައެއް ވެސް ރައީސް ނަޝީދު މިއަދު ނަންގަވައިދެއްވިއެވެ. 8 ފޫޓު 16 ފޫޓުގެ މި ދިދަ ނަގާފައިވަނީ 120 ފޫޓުގެ އުސް ދިދަ ދަނޑިއެއްގައެވެ. މީގެ އިތުރުން މިރޭ 8.30 ގައި މިލަންދޫ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގައި ބާއްވާ “ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ އިފްތިތާހީ ޖަލްސާ” ގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ. މި ޖަލްސާ ގައި ރައީސް ނަޝީދުގެ އިތުރުން، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް އެހެން މެންބަރުންނާއި، މިލަންދޫ ރަށު ކައުންސިލްގެ ރައީސް އަދި މިލަންދޫ އެމްޑީޕީ އަންހެނުންގެ ރޫހުގެ 2 މެންބަރަކު ވާހަކަދައްކަވާނެއެވެ. އަދި މި ޖަލްސާ ގައި ޘަޤާފީ ބައެއް އައިޓަމް އޮންނާނެއެވެ. އަދި ޖަލްސާއަށް ފަހު މިލަންދޫ ރައްޔިތުންގެ ފަރާތުން ރައީސް ނަޝީދާއި ވައުދުގެ ދަތުރުގެ ބައިވެރިންނަށް ދެއްވާ ޖާފަތެއް އޮންނާނޭ ކަމަށް މިލަންދޫ ކައުންސިލް މެންބަރު އަހުމަދު ޝިމާލް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ހަވީރު 4 ޖެހިއިރު މިލަންދޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ރައީސް ނަޝިދު އިފްތިތާހުކޮށްދެއްވިއެވެ. މިލަންދޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ އެރަށުގެ ޒުވާނުނަށް އަމާޒުކުރެވިގެން އަމިއްލަ ފަރާތަކާ އެކު ޒުވާނުންނަށް އަމާޒުކުރެވިގެން ހިންގޭ ނެޓް ބޯޅަ ކުޅުމާއި ފުޓު ބޯޅަ ކޯޗިން ކޭމްޕެކެވެ.

ޖުމްލަ 5 ކަންނެލި އޮޑިތަކުގައި ކުރައްވާ ވައުދުގެ ދަތުރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެއްވި މަސައްކަތްތަކާއި ކުރަން ނިންމެވި މަސައްކަތްތައް ކުރެވެމުންދާ މިންވަރު ދެނެގަންނާން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އެމް.ޑީ.ޕީ މެނިފެސްޓޯ ތަންފީޒުކުރެވިފައިވާ މިންވަރާއި އަދި މިހާރު ހުއްޓިފައިވާ ކަންކަން ދެނެގަތުމަށާއި ރައީސް ނަޝީދުގެ ސަރުކާރުގައި ކުރެވުނު ކަންކަން ރައްޔިތުން ބަލައިގެންފައިވާ މިންވަރު ދެނެގަތުމަށް ދޮރުން ދޮރަށް ހިގުމުގެ ޕްރޮގްރާމްތަކާއި ޕޮލިސީ ވޯރކްޝޮޕްތައް ކޮންމެ ރަށެއްގައިވެސް ބޭއްވޭނެއެވެ. އަދި ތަރައްގީގެ މަސައްކަތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް ކުރިއަށް ދާނެއެވެ.