އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމަށް ދެކުނު ޕްރޮވިންސުން ޚާއްސަ ހަރަކާތްތަކެއް ހިންގަނީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި، ޕާޓީގެ ޙަރަކާތްތައް ފުޅާ ކުރުމަށް ފުވައްމުލަކުގެ އެކި ދާއިރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކުނު ޕްރޮވިންސްގެ ރައީސް މުޙައްމަދު މުޞްތަފާ އަޙުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން މުޞްތަފާ ވިދާޅުވީ، ޕްރޮވިންސް އޮފީހުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ފުވައްމުލަކުގައި ހެދިފައިވާ އެމްޑީޕީގެ ގޮފިތަކުގެ މެމްބަރުންނާއި ގުޅިގެން އެމްޑީޕީގެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މުޞްތަފާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ޕްރޮވިންސް އޮފީސް ހުޅުވުމުން އެރަށުގެ އިންތާޚާބީ 3 ދާއިރާގެ މައި އޮފީސްކަމުގައި އެ އޮފީސް ވެގެންދާނެއެވެ. ޕްރޮވިންސް އޮފީސް ހުޅުއްވައިދެއްވީ ދެކުނުގެ އަތޮޅުތަކަށް އެމްޑީޕީން ކުރި ވަޢުދުގެ ދަތުރުގައި މި މަހުގެ 11 ވަނަ ދުވަހު ރައީސް ނަޝީދުއެވެ.